ޗައިނާގެ ހޮންގް ކޮންގާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ބާއްވާ ހަމައެކަނި އެއާލައިންގެ ގޮތުގައި "ގްރޭޓާ ބޭ އެއާލައިން" އިން ރާއްޖެއަށް ޗާޓަރު ދަތުރުތަކެއް ފަށައިފިއެވެ.މި ދަތުރުތަކުގައި ގްރޭޓާ ބޭ އެއާލައިނުން ބޭނުންކުރަނީ ބޮއިންގް 800-737 މަރުކައިގެ ބޯޓުތަކެވެ.
މި އެއާލައިނުން މަޢުލޫމާތު ދޭ ގޮތުގައި، މި ޗާޓަރު ދަތުރުތައް މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހަކުވެސް އެއް ދަތުރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތައް މިދުވަސްވަރު ފަށާފައިވަނީ ޗައިނާގެ އައު އަހަރާ ދިމާކޮށް އެ ޤައުމުގެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް އަންނަ ދުވަސްވަރަކަށް ވުމުންނެވެ.
ޗައިނާއަކީ މިވަގުތު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެ ޤައުމުން 35,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ ރާއްޖެއަށް އަންނަ ޖުމްލަ ފަތުރުވެރިންގެ ގާތްގަނޑަކަށް 12 އިންސައްތައެވެ.
ނިމިދިޔަ 2025 ވަނަ އަހަރަކީ ޗައިނާ މާކެޓުން ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން އައި އަހަރެކެވެ. އެގޮތުން، 329,286 ފަތުރުވެރިންނާއެކު މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުގެ މަޤާމު ހޯދާފައިވަނީ ޗައިނާއެވެ.
ގްރޭޓާ ބޭ އެއާލައިންގެ މި އައު ދަތުރުތަކާއެކު، ހޮންގް ކޮންގުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

