ކ. ގުޅީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އެ ރަށަށް 800 ކިލޯވޮޓުގެ އައު ޖެންސެޓެއް ގެންގޮސް، ޚިދުމަތް ދޭން ފަށައިފިއެވެ.
ސްޓެލްކޯއިން މައުލޫމާތު ދެއްވި ގޮތުގައި، މި އަހަރުގެ ޕީކް ސީޒަނާ ދިމާކޮށް ކަރަންޓަށް އޮންނަ ޑިމާންޑް ބޮޑުވާނެތީ، އެކަމަށް ތައްޔާރުވުމުގެ ގޮތުން ގެންދިޔަ މި ޖަނަރޭޓަރު މިހާރު ވަނީ ކޮމިޝަންކޮށް، އޮޕަރޭޝަނަށް ނެރެފައެވެ. މި އައު ޖަނަރޭޓަރާއެކު ގުޅީގެ ކަރަންޓް އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީ މިހާރު ވަނީ 1,904 ކިލޯވޮޓަށް އިތުރުވެފައެވެ.
މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ޕީކް ސީޒަނުގައި ކަރަންޓަށް އޮންނަ ބޭނުންތެރިކަން އިތުރުވެގެންދާއިރު، އެއްވެސް މެދުކެނޑުމެއްނެތި އިތުބާރު ހުރި ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމެވެ. ސްޓެލްކޯއިން ވިދާޅުވީ، މި ބަދަލާއެކު ގުޅީގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ލިބޭ މިންވަރު އިތުރަށް ހަރުދަނާވެ، އާންމު ދިރިއުޅުމަށާއި ވިޔަފާރިތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ސްޓެލްކޯއަކީ ރާއްޖޭގެ ގިނަ ރަށްތަކެއްގެ ކަރަންޓުގެ ޚިދުމަތް ބަލަހައްޓަމުންދާ ކުންފުންޏަކަށްވާއިރު، އެ ކުންފުނިން ދަނީ ރަށްރަށުގެ އެނާޖީ ސެކިއުރިޓީ ކަށަވަރުކުރުމަށްޓަކައި މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ. އެގޮތުން، އެކި ރަށްތަކުގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން އިތުރުކުރުމަށް އައު ޖަނަރޭޓަރުތައް ބެހެއްޓުމާއި، ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.

