ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑު (ޕީ.އައި.އެފް) ގެ ދަށުން ހިންގާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނި "ހިއުމޭން" އިން، ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އެލޮން މަސްކްގެ އޭއައި ކުންފުނި "އެކްސް.އޭ.އައި" އަށް 3 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކޮށްފިއެވެ.
މި އިންވެސްޓްމަންޓަކީ އެކްސް.އޭ.އައި، މަސްކްގެ ޖައްވީ އިދާރާ ސްޕޭސް އެކްސް އިން ބައްލަވައިގަތުމުގެ ކުޑަދުވަސްކޮޅެއް ކުރިން، އެކްސް.އޭ.އައި ގެ "ސީރީޒް އީ" ފަންޑިންގް ރައުންޑުގެ ތެރެއިން ކޮށްފައިވާ އިންވެސްޓްމަންޓެކެވެ. މި މުއާމަލާތުގެ ދަށުން ހިއުމޭން އަށް އެކްސް.އޭ.އައި ގެ ބޮޑު ހިއްސާއެއް ލިބިފައިވާއިރު، ފަހުން އެ ހިއްސާތައް ވަނީ ސްޕޭސް އެކްސްގެ ހިއްސާއަށް ބަދަލުކުރެވިފައެވެ.
މި ނިންމުމަކީ ސައުދީ އަރަބިއްޔާގެ "ވިޜަން 2030″ އިސްތިރާތީޖީގެ ދަށުން، އެ ގައުމުގެ އިގްތިސާދު ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ މަރުކަޒަކަށް ސައުދީ ހެދުމަށް ކުރާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ. ހިއުމޭން މެދުވެރިކޮށް ސައުދީން އަމާޒު ހިފާފައިވަނީ ދުނިޔޭގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކާއެކު ގުޅުން ބަދަހިކޮށް، އޭއައިގެ އިންފްރާސްޓްރަކްޗާ އެ ގައުމުގައި ވަރުގަދަކުރުމަށެވެ.
ހިއުމޭންގެ ސީއީއޯ ތާރިގު އަމީން ވިދާޅުވީ، މިއީ ބަދަލުވަމުންދާ އޭއައިގެ ދުނިޔޭގައި އެ ކުންފުނިން ކުރި ވަރަށް މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި ސްޕޭސް އެކްސް އިން އެކްސް.އޭ.އައި ބައްލަވައިގަތުމަކީ ތާރީޚީ ކާމިޔާބީއެއް ކަމަށާއި، މިއީ ހިއުމޭން އިން އެއްބާރުލުން ދޭން ބޭނުންވާ ފަދަ ވަރުގަދަ ޕްލެޓްފޯމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އިންވެސްޓްމަންޓާއެކު، މިދިޔަ ނޮވެމްބަރު މަހު އެމެރިކާ-ސައުދީ އިންވެސްޓްމަންޓް ފޯރަމްގައި އެއްބަސްވި ގޮތަށް، ސައުދީ އަރަބިއްޔާގައި 500 މެގަވޮޓަށް ވުރެ ބޮޑު އޭއައި ޑޭޓާ ސެންޓަރާއި ކޮމްޕިއުޓިންގް އިންފްރާސްޓްރަކްޗާ ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން އެކްސް.އޭ.އައި ގެ "ގްރޮކް" އޭއައި މޮޑެލްތައް ސައުދީގައި ބޭނުންކުރަން ފެށުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ބްލޫމްބާގުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސްޕޭސް އެކްސް އާއި އެކްސް.އޭ.އައި އެއްކޮށްލުމުން އުފެދުނު މި ބޮޑު ކުންފުނީގެ އަގު މިހާރު ހުރީ 1.25 ޓްރިލިއަން ޑޮލަރުގައެވެ. މި ކުންފުނީގެ އަމާޒަކީ އޭއައި، ޖައްވީ ދަތުރުފަތުރު، ސެޓެލައިޓް އިންޓަނެޓް އަދި ރިއަލް-ޓައިމް މައުލޫމާތު ފޯރުކޮށްދޭ ޕްލެޓްފޯމްތައް އެކުލެވޭ ވަށާޖެހޭ ނިޒާމެއް ބިނާކުރުމެވެ.
މިދިޔަ އޮގަސްޓް މަހު އުފެއްދި "ހިއުމޭން" ކުންފުންޏަކީ ސައުދީ އަރަބިއްޔާގެ އޭއައިގެ ހުރިހާ މަސައްކަތްތަކެއް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށް އުފެއްދި ކުންފުންޏެކެވެ. މި ކުންފުނިން ދަނީ ދުނިޔޭގެ އޭއައި ބާޒާރުގެ އެކި ދާއިރާތަކަށް އިންވެސްޓްކޮށް، ސައުދީގެ އިގްތިސާދީ ކުރިމަގު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.

