ދުނިޔޭގެ މަޝްހޫރު ކާބޯތަކެތި އުފައްދާ ކުންފުނި، ނެސްލޭގެ އައިސްކްރީމް ވިޔަފާރި ވިއްކާލުމަށް އެ ކުންފުނިން މަޝްވަރާކުރަމުންދާކަން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ބުރާސްފަތި ދުވަހު އާންމުކުރި އެ ކުންފުނީގެ 2025 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައެވެ.
ނެސްލޭއިން މި ނިންމުން ނިންމާފައިވަނީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ހަރަދުތައް ކުޑަކުރުމަށް އެކުލަވާލާފައިވާ ބަދަލުތަކުގެ ދަށުންނެވެ. 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ކުންފުނީގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތް ފިލިޕް ނަވްރާޓިލް ގެންދަވަނީ ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.
ނަވްރާޓިލް ވިދާޅުވި ގޮތުގައި، ނެސްލޭގެ މައިގަނޑު ވިޔަފާރިތަކަކީ ކޮފީ، ޕެޓް ޕްރޮޑަކްޓްސް ، ނިއުޓްރިޝަން އަދި ސިއްހީ އުފެއްދުންތަކުގެ އިތުރުން ކާބޯތަކެއްޗާއި ލުއިކާނާގެ ވިޔަފާރިއެވެ. އެހެންކަމުން، އައިސްކްރީމް ވިޔަފާރީގެ ބާކީ ހުރި ބައިތައް އިނގިރޭސިވިލާތުގެ "ފްރޮނޭރީ" ކުންފުންޏަށް ވިއްކާލުމުގެ ފަހުގެ މަޝްވަރާތައް މިހާރު ދަނީ ކުރެވެމުންނެވެ.
މީގެއިތުރުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 16،000 މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ. މިއީ އެ ކުންފުނީގެ ޖުމްލަ 280،000 މުވައްޒަފުންގެ ގާތްގަނޑަކަށް 6 އިންސައްތައެވެ. މި ބަދަލާއެކު 2027 ވަނަ އަހަރު ނިމޭއިރު އަހަރަކު ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރު (1 ބިލިއަން ސްވިސް ފްރޭންކް) ސަލާމަތްކުރެވޭނެ ކަމަށް ނެސްލޭއިން ލަފާކުރެއެވެ. މީގެ ތެރެއިން 20 އިންސައްތަ މިހާރުވެސް ކާމިޔާބު ކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މާލީ ރިޕޯޓުތައް ދައްކާގޮތުން 2025 ވަނަ އަހަރު ނެސްލޭގެ ވިޔަފާރި ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 2 އިންސައްތަ ދަށަށް ގޮސްފައެވެ. އެއީ 116 ބިލިއަން ޑޮލަރެވެ. އަދި ކުންފުނީގެ ސާފު ފައިދާ 17 އިންސައްތަ ދަށަށް ގޮސް، ލިބިފައިވަނީ 11.6 ބިލިއަން ޑޮލަރެވެ. ނަމަވެސް، ފައިސާގެ އަގަށް އަންނަ ބަދަލުތައް ނުހިމަނައި ބަލާއިރު، ކުންފުނީގެ އަމިއްލަ ވިޔަފާރި (organic sales) ވަނީ 3.5 އިންސައްތަ ކުރިއަރާފައެވެ. މިއީ ކުރިން ލަފާކުރި 3.38 އިންސައްތައަށްވުރެ އިތުރު އަދަދެކެވެ.

