ހަމަލާތައް ފެށުމާއެކު ފްލައިޓުތައް ކެންސަލް ކުރަން މަޖުބޫރުވެ، އެތައް ބަޔަކު ދުނިޔޭގެ އެކި ގައުމުތަކުގައި ތާށިވެއްޖެއެވެ.
ރާއްޖޭގައި ވެސް ފުރަން ދިޔަ ގިނަ އަދަދެއްގެ ޓޫރިސްޓުން އެނބުރި ގައުމަށް ދަތުރުކުރަން އޮތް ފްލައިޓްތައް ކެންސަލްވުމުން، އެއާޕޯޓްގައި ވަނީ ތާށިވެފައެވެ. އެމީހުންނަށް ސަރުކާރުން މިހާރު ވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.
އިރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލު ގުޅިގެން ހަމަލާ ދޭން ފެށުމާއެކު މުޅި މެދުއިރުމަތި މިވަނީ ހަނގުރާމަ ފެށިފައެވެ. އީރާނުގެ ރައްދު ހަމަލާގައި ގަލްފުގެ ގައުމުތަކަށްވެސް މިސައިލް ހަމަލާތައް އަމާޒުވުމުން، މި ހަނގުރާމައިގެ ސަބަބުން ގައުމުތަކަށް ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބެލެވެއެވެ. އަދި ތެލާއި އަސާސީ ކާބޯތަކެތި ގައުމުތަކަށް ގެންދިއުމުގަ އާއި ވައިގެ ދަތުރުފަތުރަށް ބުރޫ އަރައި، ބިލިއަނުން ގެއްލުންވަމުން ދާނެ އެވެ.
އިރާނުން ވެސް ރައްދުގައި ހަމަލާ ދޭން ފެށުމާއެކު މެދުއިރުމަތީގެ ވައިގެ ސަރަހައްދުގެ ރައްކާތެރިކަން ކުޑަވެ ބައިނަލްއަގުވާމީ ގިނަ ފްލައިޓުތައް ވަނީ ކެންސަލް ކޮށްފައެވެ. އަދި މިހާލަތު ދިގު ދެމިގެން ހިނގައިދާނެ ކަމަށް ލަފާކުރެވެއެވެ.
ކެންސަލްކޮށްފައިވާ ބައެއް ފްލައިޓުތަކަށް ބަލާއިރު، ވިޒް އެއާ އިން ވަނީ އިޒްރޭލާއި ދުބާއީ އަދި އަބުދާބީގެ އިތުރުން ޖޯޑަން އަށް ދަތުރުކުރާ ހުރިހާ ފްލައިޓުތައް ސަސްޕެންޑު ކޮށްފައެވެ.
ލުފްތަންޒާ އިން ވަނީ އެއެއާލައިނުން މިއަދާއި މާދަމާ ދުބާއީ އާއި ތެލްއަވީވްގެ އިތުރުން ބޭރޫތާއި މަސްކަޓަށް ދަތުރުކުރާ ހުރިހާ ފްލައިޓުތައް ކެންސަލް ކުރުމަށް ނިންމައިފައެވެ.
ކޭއެލްއެމް އިން ވެސް ތެލްއަވީވަށް ދަތުރުތައް ކެންސަލް ކޮށްފައިވާ އިރު، އޮމާން އެއާ އިން ވެސް ވަނީ އިރާގަށް ކުރާ ދަތުރުތައް ސަސްޕެންޑުކޮށްފައެވެ.
ރަޝިޔާ އާއި ކުވައިތާއި އިރާގުގެ އިތުރުން އިޒްރޭލުން ވެސް ވަނީ އެގައުމުން ދަތުރު ކުރާ ހުރިހާ ފްލައިޓުތައް ކެންސަލް ކުރުމަށް ނިންމައިފައެވެ.
މެދުއިރުމަތި ހަނގުރާމައެއް ފެށިފައިވާ އިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ ގައުމުތަކުން ވަނީ އެގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކޮށްފައެވެ.

