މާލޭގެ ބާޒާރުގައި ތ. ކަނޑޫދޫ މިރުހުގެ އަގު މިއަދު ވަރަށް ބޮޑަށް ދަށަށް ގޮސް، އާންމުންނަށް ގަންނަން ފަސޭހަ މިންވަރަކަށް އަގުތައް ތިރިވެއްޖެއެވެ. މި ހިނގާ 1447 ވަނަ އަހަރުގެ ރޯދަމަސް ފެށުނުއިރު އަގު އިންތިހާއަށް އުފުލިފައި އޮތް ނަމަވެސް، މިއަދު މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި މިރުހުގެ އަގުތައް ވަނީ ބޮޑުތަނުން ހެޔޮވެފައެވެ.
މިއަދު ބާޒާރުގައި ކަނޑޫދޫ މިރުސް 100 ގްރާމް ލިބެން ހުރީ 25 ރުފިޔާއާއި 30 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. އަދި ކިލޯއެއްގެ އަގު އުޅެނީ 230 ރުފިޔާއާއި 280 ރުފިޔާއާ ދެމެދުގައެވެ. މިއީ މީގެ ހަފްތާއެއްހާ ދުވަސް ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑު ވެއްޓުމެކެވެ. ރޯދަމަސް ފެށުނު ދުވަސްވަރު 100 ގްރާމްގެ އަގު 40 ރުފިޔާއާއި 45 ރުފިޔާއާ ދެމެދު ހުރިއިރު، ކިލޯއެއްގެ އަގު ހުރީ 380 ރުފިޔާއާއި 430 ރުފިޔާއާ ދެމެދުގައެވެ. ބައެއް ގޮޅިތަކުގައި އޭރު ކިލޯއެއް 450 ރުފިޔާއަށްވެސް ވިއްކާފައިވެއެވެ.
މާރުކޭޓުގެ ވިޔަފާރިވެރިން ބުނާގޮތުގައި އަގު ދަށްވުމުގެ މައިގަނޑު ސަބަބަކީ އަތޮޅުތެރެއިން، ޚާއްސަކޮށް ތ. ކަނޑޫދުއިން މާލެއަށް ގެންނަ މިރުހުގެ ޝިޕްމަންޓްތައް އިތުރުވުމެވެ. ރޯދައިގެ ފުރަތަމަ ދުވަސްކޮޅު ޑިމާންޑާ އެއްވަރަށް ސަޕްލައި ނުލިބުނު ނަމަވެސް، މިހާރު ބާޒާރަށް ބޭނުންވާ ވަރަށް މިރުސް ލިބެން ހުރުމުން އަގުތައް ވަނީ ހަމަޔަކަށް އެޅިފައެވެ.
މިރުހުގެ އިތުރުން، ރޯދަމަހު ފަނިގިރަން ބޭނުންކުރާ ކަރާގެ އަގުވެސް މިހާރު ވަނީ ކޮންމެވެސް ވަރަކަށް ދަށަށް ގޮސްފައެވެ. ނަމަވެސް، ބާޒާރުގައި ލުނބޯ ފަދަ ބައެއް ބާވަތްތަކުގެ އަގު އަދިވެސް ހުރީ ކުރިއެކޭ އެއްގޮތަށް މަތީގައެވެ.

