ދިވެހިރާއްޖޭގެ ލޮޖިސްޓިކްސް އަދި ފްރައިޓް ފޯވާޑިންގ ދާއިރާގައި އެންމެ ކުރިއަރާފައިވާ އެއް ކުންފުނި ކަމަށްވާ އޭޝިއާ ފޯވާޑިންގް ޕްރައިވެޓް ލިމިޓެޑުން މިއަދު ފާހަގަކުރަމުންދަނީ ކާމިޔާބު 21 އަހަރެވެ. މިއީ މުދާ އުފުލުމާއި، ބައިނަލްއަގުވާމީ ޝިޕިންގ އަދި ސަޕްލައި ޗެއިން ސޮލިއުޝަންތަކުގެ ދާއިރާގައި އެ ކުންފުނިން ދެމުންގެންދާ އިތުބާރު ހުރި ހިދުމަތުގެ ފަހުރުވެރި މައިލްސްޓޯނެކެވެ.

2005 ވަނަ އަހަރު އުފެދުނު އޭޝިއާ ފޯވާޑިންގްއަކީ ފެށުނުއިރު ކަސްޓަމްސް ކްލިއަރެންސް އަދި ޕްރޮޖެކްޓް ލޮޖިސްޓިކްސްގެ މަސައްކަތްތަކަށް އަމާޒުކޮށްގެން ހިންގަން ފެށި ކުންފުންޏެކެވެ. ނަމަވެސް، ވޭތުވެދިޔަ ދެ އަހަރެއްގެ ތެރޭގައި އެ ކުންފުނި ވަނީ މުޅި ދުނިޔެއަށް ފެތުރިފައިވާ ފުރިހަމަ ފްރައިޓް ފޯވާޑިންގ ވިއުގައަކަށް ބަދަލުވެފައެވެ. މިއަދު، ބައިނަލްއަގުވާމީ ޕާޓްނަރުންގެ އެހީތެރިކަމާއެކު، ދުނިޔޭގެ 2,400 އަށްވުރެ ގިނަ ސިޓީއާ ދިވެހިރާއްޖެ ގުޅުވައިދިނުމުގެ ގާބިލުކަން އެ ކުންފުނިން ވަނީ ހޯދާފައެވެ.

ވޭތުވެދިޔަ 21 އަހަރު ދުވަހުގެ ތެރޭގައި، އޭޝިއާ ފޯވާޑިންގް އިން ވަނީ ކަނޑުމަގުންނާއި ވައިގެ މަގުން މުދާ އުފުލުމާއި، ޕްރޮޖެކްޓް ކާގޯ ހޭންޑްލިންގ އަދި ކަސްޓަމްސް ބްރޯކަރޭޖްގެ ދާއިރާއިން ފަންނީ ހުނަރާއި އިތުބާރު ގާއިމުކޮށްފައެވެ. ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވެފައި، އެއް ރަށުން އަނެއް ރަށަށް މުދާ އުފުލުމާއި ބައިނަލްއަގުވާމީ އިމްޕޯޓަށް ބަރޯސާވާ މިންވަރު ބޮޑުކަމުން، މިފަދަ ހިދުމަތްތަކަކީ ރާއްޖޭގެ ވިޔަފާރިއަށާއި، ފަތުރުވެރިކަމަށް އަދި އާންމު ދިރިއުޅުމަށް ނުހަނު މުހިންމު ހިދުމަތްތަކެކެވެ.

މި މުހިންމު މުނާސަބަތާ ދިމާވީ ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާއަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން ތަރައްގީކުރާ އާ ސީ-ޕޯޓާއެކު، ހުރިހާ ލޮޖިސްޓިކްސް ކުންފުނިތަކަށް ކޮންޓެއިނާ ފްރައިޓް ސްޓޭޝަން (ސީ.އެފް.އެސް) އާއި އިންތިޒާމުވެފައިވާ މުދާ ރައްކާކުރާ ގުދަންތަކުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ރާއްޖޭގެ އިގްތިސާދަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި، މި ތަރައްގީގެ ސަބަބުން މުދާ އުފުލާ ކުންފުނިތަކަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ފައިދާތަކެއް ކުރާނެއެވެ. އޭގެ ތެރޭގައި ސަޕްލައި ޗެއިން ވަރުގަދަވުމާއި، މުދާ ބެލެހެއްޓުމުގެ ގާބިލުކަން އިތުރުވުމާއި، އަދި މަސައްކަތުގެ ހަލުވިކަން އިތުރުވުން ހިމެނެއެވެ. މީގެ އިތުރުން، ބަނދަރުގެ ވަސީލަތްތައް ރަނގަޅުވުމުން މުދާ ބޭލުމަށް ހޭދަވާ ވަގުތު ކުޑަވެ، ކަސްޓަމްސްގެ ކަންކަން އަވަސްވެގެންދާނެއެވެ.

އޭޝިއާ ފޯވާޑިންގްއިން މި ތަރައްގީއަށް މަރުހަބާ ކިޔަމުން ބުނެފައިވަނީ، ޒަމާނީ ބަނދަރުގެ ވަސީލަތްތަކާއެކު ތަޖުރިބާކާރު ޚިދުމަތްތެރިން ގުޅިގެން މަސައްކަތް ކުރުމުން، ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާ އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

އޭޝިއާ ފޯވާޑިންގްގެ ކާމިޔާބީގެ އަސްލަކީ ކަސްޓަމަރުންނަށް ދޭ ހާއްސަ ސަމާލުކަމާއި، މުދާ ފޯރުކޮށްދިނުމުގައި ގެންގުޅޭ ފަރުވާތެރިކަމެވެ. ބޮޑެތި ކުންފުނިތަކާއި، ރިސޯޓްތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުބާރު އެ ކުންފުނިން ވަނީ ހޯދާފައެވެ. މީގެ އިތުރުން، އިމްޕޯޓް/އެކްސްޕޯޓް ގަވާއިދުތަކާއި، ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ލޮޖިސްޓިކްސް ޕްލޭން ކުރުމުގައި އެ ކުންފުނިން ދޭ ފަންނީ ލަފަޔަކީ ކަސްޓަމަރުންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ.

21 އަހަރުގެ ކާމިޔާބު ދަތުރު ފާހަގަކުރަމުން، އެ ކުންފުނީގެ މުވައްޒަފުންނާއި ވަފާތެރި ކަސްޓަމަރުންނަށް އޭޝިއާ ފޯވާޑިންގްއިން ވަނީ ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ. ކުންފުނީގެ ކުރިއެރުމުގެ އަސްލަކީ ކަސްޓަމަރުން އެ ކުންފުންޏަށް ކުރާ އިތުބާރު ކަމުގައި އެ ކުންފުނިން ދެކެއެވެ.

ކުރިމަގަށް ބަލާއިރު، އޭޝިއާ ފޯވާޑިންގްގެ އަމާޒަކީ ގައުމީ ތަރައްގީއާ ފައިހަމަކޮށް، މުދާ އުފުލުމުގެ ދާއިރާގައި ދެމެހެއްޓެނިވި، ރައްކާތެރި އަދި އިތުބާރުހުރި ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގައި ދެމިއޮތުމެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *