ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އައުކިޓެލް (Oukitel) އިން ފެނުގެ އަޑީގައި ވެސް ބޭނުންކުރެވޭ ފަދަ ތަފާތު އަދި ވަރުގަދަ ލެޕްޓޮޕެއް ބާޒާރަށް ނެރެފިއެވެ. "އައުކިޓެލް RG14 Pro" ގެ ނަމުން ނަންދެވިފައިވާ މި ލެޕްޓޮޕަކީ އާދައިގެ އޮފީސް މާހައުލުތަކަށްވުރެ ބޮޑަށް، ބޭރުތެރޭގެ މަސައްކަތްތަކާއި ހަނގުރާމަވެރި މައިދާންތަކުގައި ބޭނުންކުރުމަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ އުފެއްދުމެކެވެ.

ވިންޑޯޒް 11 އޮޕަރޭޓިންގ ސިސްޓަމް ހިމެނޭ މި ލެޕްޓޮޕްގައި ބޭނުންކޮށްފައިވަނީ 14 ވަނަ ޖެނެރޭޝަނުގެ އިންޓެލް ކޯ i7 ޕްރޮސެސަރެކެވެ. މީގެ އިތުރުން 16 ޖީބީގެ ރޭމް އާއި 512 ޖީބީގެ ސްޓޯރޭޖް ހިމެނޭއިރު، ބޭނުންވެއްޖެ ހާލަތެއްގައި ސްޓޯރޭޖް އިތުރުކުރުމުގެ ފުރުސަތު ވެސް އޮވެއެވެ.

އައުކިޓެލް ކުންފުނިން ހާމަކުރާ ގޮތުގައި، ޑޭޓާ ޕްރޮސެސް ކުރުމާއި، އެއްފަހަރާ ގިނަ މަސައްކަތްތަކެއް ކުރުމުގައި މި ލެޕްޓޮޕަކީ ޑެސްކްޓޮޕް ކޮމްޕިއުޓަރަކާ އެއްވަރުގެ ހަލުވި ޕާފޯމަންސެއް ދައްކުވައިދޭނެ އެއްޗެކެވެ. ނަމަވެސް، މި ލެޕްޓޮޕްގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ އޭގެ ބާރުގަދަ ކަމެވެ.

މި ޑިވައިސްއަކީ IP68 އަދި IP69K ސެޓިފައިޑް ލެޕްޓޮޕެކެވެ. މީގެ މާނައަކީ ހިރަފުހާއި، ފެނާއި، އަދި ބާރު ދުވެލީގައި އަންނަ ފެނުގެ އޮއިވަރުން ވެސް މި ލެޕްޓޮޕަށް އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ. ޖުމްލަ 3.7 ކިލޯގްރާމް ބަރުދަން ހުރި ނަމަވެސް، މިއީ އޭގެ ޒާތުގައި ތުނިކޮށް ފަރުމާކޮށްފައިވާ އެއްޗެކެވެ.

ކުންފުނިން ބުނާ ގޮތުގައި މި ލެޕްޓޮޕް ފެނުގެ އަޑީގައި އޮތް ނަމަވެސް އެއްވެސް މައްސަލައެއް ނުޖެހި ބޭނުންކުރެވޭނެއެވެ. ބެޓެރީގެ ގޮތުގައި 3000 mAh އަދި 5200 mAh ގެ ދެ ބެޓެރީ ހިމެނޭއިރު، މި ލެޕްޓޮޕްގެ އެންމެ ތަފާތު އެއް ފީޗަރ އަކީ އަވިން ޗާޖުކުރެވޭ ގޮތަށް ހިމަނާފައިވާ ސޯލާ ޕެނަލެވެ. ލެޕްޓޮޕްގެ މަތީގައި ހަރުކޮށްފައިވާ މި ޕެނަލް މެދުވެރިކޮށް އިރުގެ އަލިން ޗާޖުކުރާއިރު، ގާތްގަނޑަކަށް 6 ގަޑިއިރު ތެރޭގައި ބެޓެރީގެ 50 އިންސައްތަ ޗާޖުކޮށްލެވެއެވެ.

14.1 އިންޗީގެ ޑިސްޕްލޭއެއް ހިމެނޭ މި ލެޕްޓޮޕްގައި، ރައްކާތެރިކަމަށްޓަކައި 180 ޑިގްރީއަށް އަނބުރާލެވޭ މެގްނެޓިކް ޕްރައިވެސީ ކެމެރާއެއް ވެސް ވަނީ ހިމަނާފައެވެ. އައުކިޓެލްގެ މި އުފެއްދުމަކީ ޓެކްނޮލޮޖީގެ ދާއިރާގައި ފާހަގަކޮށްލެވޭ އިންގިލާބީ ބަދަލެއްގެ ގޮތުގައި މާހިރުން ސިފަކުރެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *