މާލޭގެ ލޯކަލް މާރުކޭޓުގައި ކަރާގެ އަގު ބޮޑުވެފައި އޮތުމަށްފަހު، މިއަދު ކަރާ ކިލޯއެއްގެ އަގު 30 ރުފިޔާއަށް ތިރިވެއްޖެއެވެ.

މި ރޯދަމަހަކީ ދިވެހިންގެ މެދުގައި ކަރާ ފަންޏަށް އޮންނަ މަގުބޫލުކަން ބޮޑު މަހަކަށްވާއިރު، މީގެ ތިން ދުވަސް ކުރިން ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު ހުރީ 35 ރުފިޔާއަށެވެ. 'ސަން' އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބާޒާރުގައި ކަރާގެ އަގު މިހާ ބޮޑަށް ދަށްވެފައިވަނީ އިންޑިއާއިން ކަރާގެ އާ ޝިޕްމެންޓެއް ރާއްޖެ ގެނައުމާ ގުޅިގެންނެވެ.

މި އަހަރުގެ ރަމަޟާން މަސް ފެށުނުއިރު ބާޒާރުގައި ކަރާ ކިލޯއެއް ލިބެން ހުރީ 20 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ނަމަވެސް ބާޒާރުން ކަރާ މަދުވުމުގެ ސަބަބުން މި މަހުގެ ކުރީކޮޅު ކަރާ ކިލޯއެއްގެ އަގު ވަނީ 30 ރުފިޔާއަށްވުރެ މައްޗަށް އުފުލިފައެވެ.

ކަރާގެ އިތުރުން ފަނިގިރުމަށް ބޭނުންކުރާ އެހެނިހެން ބާވަތްތަކުގެ އަގަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ކުރިން 50 ރުފިޔާއާއި 60 ރުފިޔާއާ ދެމެދު ހުރި ކުރުނބަލެއްގެ އަގު މިހާރު ހުރީ 30 ރުފިޔާއާއި 40 ރުފިޔާއާ ދެމެދުގައެވެ. އަދި ކުރުނބާ ފުޅިއެއް 120 ރުފިޔާއަށް ލިބެން ހުރިއިރު، ކުރިން 60 ރުފިޔާއަށް ލިބުނު އަލަނާސި ގަނޑެއްގެ އަގު މިހާރު ވަނީ 50 ރުފިޔާއަށް ދަށްވެފައެވެ.

މިއަދު ބާޒާރުގައި ބައެއް އެހެނިހެން ތަކެތި ވިއްކަން ހުރި އަގުތަކަކީ:

  • މިރުސް: ކިލޯއެއް 230 އާއި 280 ރުފިޔާއާ ދެމެދު
  • ލުނބޯ: ކިލޯއެއް 70 ރުފިޔާ
  • ވެކިއުމް މަސް: ކިލޯއެއް 120 ރުފިޔާ
  • ދޮންކެޔޮ: ކިލޯއެއް 50 އާއި 60 ރުފިޔާއާ ދެމެދު
  • ފަޅޯ: ކިލޯއެއް 40 ރުފިޔާ
  • ހިކަނދިފަތް: ކޯޅިއެއް 10 ރުފިޔާ
  • ރާނބާފަތް: ފަތެއް 5 ރުފިޔާ

ބާޒާރުގެ ވިޔަފާރިވެރިން ބުނާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މުދާ ބާޒާރަށް ނެރެވުމުން އަގުތަކަށް އިތުރު ހެޔޮ ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *