ދުނިޔޭގެ ނިސްބަތުން މިނެޓަކު ގާތްގަނޑަކަށް 300,000 ނެޕީ ކުނިގޮޑުތަކަށް އުކާލެވެއެވެ. ނުވަތަ އަންދާލެވެއެވެ. މީގެ ސަބަބުން ތިމާވެށްޓަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، ގިނަ ނެޕީތަކަކީ ޕްލާސްޓިކާއި ސިންތެޓިކް މާއްދާތަކުން އުފައްދާފައިވާ ތަކެތި ކަމުން، އެ ތަކެތި ފަނާވެ ދިއުމަށް އެތައް ސަތޭކަ އަހަރެއް ނަގައެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެމެރިކާގެ ޓެކްސަސްގެ ކުންފުންޏެއް ކަމަށްވާ "ހީރޯ ޓެކްނޮލޮޖީސް" އިން ވަނީ އާދަޔާ ހިލާފު އީޖާދެއް ތައާރަފުކޮށްފައެވެ. އެ ކުންފުނިން އުފައްދާފައިވަނީ ފަންގަސް ބޭނުންކޮށްގެން ފަނާވާނެ ގޮތަށް ފަރުމާކޮށްފައިވާ ނެޕީއެކެވެ. މި ނެޕީއާއެކު ފަންގަސް ހިމެނޭ ޕެކެޓެއް ލިބޭއިރު، ނެޕީ ބޭނުންކޮށް ނިމުމުން އެ ޕެކެޓް އޭގެ ތެރެއަށް އެޅުމުން، ފަންގަސްތަކުން ނެޕީ ކާލައި، ވަގުތާއެކު އެ ފަނާކޮށްލައެވެ.
ކުންފުނީގެ ކޯ-ފައުންޑަރ މިކީ އަގްރަވާލް ވިދާޅުވި ގޮތުގައި، މި ފަންގަސްގެ ސަބަބުން ނެޕީ ފަނާވާ ދުވެލި އާދަޔާ ހިލާފަށް އަވަސްވެގެންދެއެވެ. ނަމަވެސް، މި ނެޕީގެ އަގު އާދައިގެ ނެޕީއަށްވުރެ ބޮޑެވެ. މަހަކު ގާތްގަނޑަކަށް 136 ޑޮލަރު ހޭދަވާއިރު، މިއީ އާންމުކޮށް މަހެއްގެ މައްޗަށް ހޭދަވާ 70 ޑޮލަރަށްވުރެ މާ ބޮޑު އަދަދެކެވެ.
ޔޫރޯމޮނިޓަރގެ އެނަލިސްޓް ސޮނާލީ ޖަގަދޭވް ފާހަގަކުރައްވާ ގޮތުގައި، ތިމާވެށްޓާ ރައްޓެހި ނެޕީ އުފެއްދުމުގައި އަދިވެސް ގޮންޖެހުންތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި އުފެއްދުމުގެ އަގު ބޮޑުވުމާއި، ބޭނުންވާ ރޯމެޓީރިއަލް ލިބުމުގެ ދަތިކަން ހިމެނެއެވެ. އަދި ގިނަ ބެލެނިވެރިން ތިމާވެށްޓަށްވުރެ ބޮޑަށް އިސްކަންދެނީ ނެޕީގެ ފެންވަރަށާއި، އަގަށާއި، ބޭނުންކުރަން ފަސޭހަވުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބެލްޖިއަމްގެ "ވޫޝް" ކުންފުނިންވެސް ދަނީ މި ދާއިރާގައި މަސައްކަތް ކުރަމުންނެވެ. އެ ކުންފުނިން ބޭނުންކުރަނީ އެއް ބާވަތެއްގެ ޕްލާސްޓިކެއް ކަމުން، އެ ރީސައިކަލް ކުރަން ފަސޭހަވެއެވެ. މިހާރުވެސް ބެލްޖިއަމްގެ 1,400 އަށްވުރެ ގިނަ ޑޭކެއަރ ސެންޓަރުގައި މި ނެޕީ ބޭނުންކުރެއެވެ.
މީގެ އިތުރުން، ވޭލްސްގެ ސަރުކާރުގެ އެހީތެރިކަމާއެކު "ޕޫރާ" ބްރޭންޑުން ދަނީ އަހަރަކު 60 މިލިއަން ނެޕީ ރީސައިކަލް ކުރަމުންނެވެ. މިގޮތަށް ރީސައިކަލް ކުރާ ނެޕީތަކުން މަގު ހެދުމަށާއި، ބެންޗު ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ މާއްދާތައް ތައްޔާރުކުރެއެވެ.
ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި މިފަދަ އީޖާދީ މަސައްކަތްތައް މުހިންމު ނަމަވެސް، މީގެ ކާމިޔާބީ ބިނާވެފައިވަނީ އާންމު ބެލެނިވެރިންނަށް އަތްފޯރާ ފަށުގައި މިފަދަ އުފެއްދުންތައް ލިބެން ހުރުމުގެ މައްޗަށެވެ.

