މާލޭގެ ލޯކަލް މާރުކޭޓުގައި މިރުސް ތިޔާގިވެ، މިރުހުގެ އަގު ބޮޑުތަނުން ދަށަށް ގޮސްފިއެވެ. ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީވެސް މިރުހަށް އޮންނަ ޑިމާންޑް ބޮޑުވެ، ބައެއް އަހަރުތަކުގައި އަތްނުފޯރާ ފަށަށް މިރުހުގެ އަގު އުފުލޭ މަހެކެވެ. ނަމަވެސް، މިއަދު ބާޒާރުގައި 100 ގްރާމް މިރުސް ލިބެން ހުރީ 20 ރުފިޔާއާއި 25 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. މިއީ ރަމަޟާން މަސް ފެށުނުއިރު 100 ގްރާމް މިރުސް 50 ރުފިޔާއަށް ހުރި އަގާ އަޅާބަލާއިރު ބޮޑު ތަފާތެކެވެ.
މިރުހުގެ އަގު ހެޔޮވި ނަމަވެސް، ބާޒާރުގައި މިއަހަރު ކަރާގެ އަގު ހުރީ ނިސްބަތުން މަތިކޮށެވެ. ރަމަޟާން މަސް ފެށުނުއިރު ކަރާ ކިލޯއެއް 20 ރުފިޔާއާއި 25 ރުފިޔާއާއި ދެމެދުގެ އަގެއްގައި ހުރި ނަމަވެސް، މިއަދު ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު ވަނީ 35 ރުފިޔާއަށް އުފުލިފައެވެ.
ފަތްފިލާވެލީގެ ބާވަތްތަކަށް ބަލާއިރު، މި ރަމަޟާން މަހު ފަތުގެ އަގުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެގޮތުން މިއަދު ބާޒާރުގައި ކުއްޅަފިލާފަތް ބޮނޑިއެއް 15 ރުފިޔާއަށް ލިބެން ހުރިއިރު، ލެޓިއުސް ކިލޯއެއް ހުރީ 60 ރުފިޔާއަށެވެ. އަދި ކޮޕީފަތް ބޮނޑިއެއް ލިބެން ހުރީ 10 ރުފިޔާއަށެވެ.
ބާޒާރުގައި ވިއްކާ އެހެން ބައެއް ބާވަތްތަކުގެ އަގުތަކަށް ބަލާއިރު:
- 1 ކިލޯ އަނބު: 70 – 100 ރުފިޔާ
- އަލަނާސިގަނޑެއް: 65 ރުފިޔާ
- އޮރެންޖެއް: 6 ރުފިޔާ
- އާފަލެއް: 6 ރުފިޔާ
- 1 ކިލޯ ކެބެޖް: 30 ރުފިޔާ
- 1 ކިލޯ ކެރެޓް: 30 ރުފިޔާ
- 1 ކިލޯ ބަޓާނާ: 40 ރުފިޔާ
- 1 ކިލޯ ޓޮމާޓޯ: 35 – 65 ރުފިޔާ
- 1 ކިލޯ ކައްޓަލަ: 60 ރުފިޔާ
- 1 ކިލޯ ދޮންކެޔޮ: 30 – 40 ރުފިޔާ
ރަމަޟާން މަހު ކާބޯތަކެތީގެ އަގުތައް އުފުލުނަ ނުދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އަސާސީ ކާބޯތަކެތީގެ 26 ބާވަތެއް އެސްޓީއޯ މެދުވެރިކޮށް ހެޔޮ އަގުގައި ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި މިތަކެތި މާލެއެކޭ އެއް އަގެއްގައި ރަށްރަށުންވެސް ލިބޭނެ ގޮތް ސަރުކާރުން ވަނީ މަގުފަހިކޮށްދީފައެވެ.
މީގެ އިތުރުން، މި ރަމަޟާން މަހު އޮރެންޖްގެ އަގު 15 ރުފިޔާއަށް އުފުލުމާ ގުޅިގެން ރައްޔިތުންނަށް ދިމާވި ދަތިތައް ހައްލުކުރުމަށް އެސްޓީއޯއިން ވަނީ އޮރެންޖް ޝިޕްމަންޓެއް ގެނެސް ބާޒާރަށް ނެރެފައެވެ. މީގެ ސަބަބުން މިހާރު ބާޒާރުގައި އޮރެންޖެއްގެ އަގު ވަނީ 6 ރުފިޔާއަށް ތިރިވެފައެވެ.

