ދުނިޔޭގެ މަޝްހޫރު ޗޮކްލެޓް އުފައްދާ ކުންފުނި، މާސް ރިގްލީ އިން ޓުވިކްސް ޗޮކްލެޓްގެ އާ ރަހައެއް ކަމަށްވާ "ޓުވިކްސް ހޭޒަލްނަޓް" އަންނަ އޭޕްރީލް މަހު ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާކަން ހާމަވެއްޖެއެވެ.
ބޭރުގެ ވިޔަފާރި ޚަބަރުތައް ފަތުރާ "ބެޓަރ ރީޓެއިލިންގ" އިން ހޯދި މަޢުލޫމާތުތަކަށް ބަލާއިރު، މި އާ ފްލޭވަރު ތިން ބާވަތެއްގެ ޕެކެޓުގައި ލިބެން ހުންނާނެއެވެ. އެއީ 'އެކްސްޓްރާ’، 'ސިންގަލް' އަދި އަގު ޖަހާފައިވާ 'ޕްރައިސް މާކްޑް ޕެކް' އެވެ.
ޓުވިކްސް ހޭޒަލްނަޓްގެ އެކްސްޓްރާ ޕެކެޓުގައި 75 ގްރާމް ހުންނައިރު، މީގެ ކޭހެއްގައި ހިމެނޭނީ 24 ޔުނިޓެވެ. މި ބާވަތުގެ ޗޮކްލެޓެއްގެ އަގަކީ 1.69 ޕައުންޑެވެ. އަދި މީގެން ރީޓެއިލް ވިޔަފާރިވެރިންނަށް 26.4 އިންސައްތައިގެ ފައިދާއެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.
މީގެ އިތުރުން، 46 ގްރާމްގެ ސިންގަލް ޕެކެޓާއި ޕީ.އެމް.ޕީ ވާރޝަންގެ ކޭހެއްގައި 30 ޔުނިޓު ހިމެނެއެވެ. ސިންގަލް ޕެކެޓެއް 1.20 ޕައުންޑަށް ވިއްކާއިރު މީގެން 37.1 އިންސައްތައިގެ ފައިދާއެއް ލިބޭނެއެވެ. އަދި 89 ޕެންސަށް ވިއްކާ ޕީ.އެމް.ޕީ ޕެކެޓުން 27 އިންސައްތައިގެ ފައިދާއެއް ވިޔަފާރިވެރިންނަށް ލިބޭނެ ކަމަށް މާސް ރިގްލީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މާސް ރިގްލީ އިން މި އާ އުފެއްދުން ބާޒާރަށް ނެރެނީ ކަސްޓަމަރުންނަށް ޓުވިކްސްގެ ރަހަތަކުގެ ތެރެއަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށާއި، ވިޔަފާރިވެރިންނަށް ރަނގަޅު ފައިދާއެއް ހޯދައިދިނުމުގެ މަޤްޞަދުގައެވެ.

