މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަދަދު، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 19 އިންސައްތަ އިތުރުވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖެއަށް މުދާ ގެނައުމުގެ މަގުތައް ސަރުކާރުން ހޯދަމުންދާއިރު، މިކަމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ. އެގޮތުން، ޕެޓްރޯލާއި ޑީސަލް ޝިޕްމަންޓްތައް ގެނައުމަށް ކުރިއަށްއޮތް ތިން މަސްދުވަހަށް ޝެޑިއުލް ދަތުރުތައް މިހާރު ހަމަޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، 2024 ވަނަ އަހަރުގެ ޖަނަވަރީން މާރޗް މަހުގެ ނިޔަލަށް ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 13.6 ބިލިޔަން ރުފިޔާގެ މުދާ ކަމަށެވެ. ނަމަވެސް، މިއަހަރުގެ އެ މުއްދަތުގައި އެ އަދަދު 16.2 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމަ އިމްޕޯޓަށް ބަލާއިރު 19 އިންސައްތަ އިތުރުވުމެއް އެބައިން. އެވާހަކަ އަޅުގަނޑު މި ދެންނެވީ ޑިމާންޑަށް ބަލާފައި،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ލަންކާގެ ބަނދަރުގައި ތާށިވެފައި ހުރި ކޮންޓެއިނަރުތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔަ ހަފްތާގައި ލަންކާގައި 4,241 ކޮންޓެއިނަރު ހުރި ނަމަވެސް، މިހާރު އަންނަ ބޯޓުތަކާއެކު އެ އަދަދު 1,741 އަށް ދަށްވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ވިދާޅުވިއެވެ.

ބަނދަރުގެ ޙާލަތާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މިހާރު މާލޭ ބަނދަރުގައި އޮތް އުޅަނދެއްގައި 1,200 ކޮންޓެއިނަރުގެ މުދާ އެބަހުރި ކަމަށެވެ. އަދި މި ހަފްތާގެ ތެރޭގައި އިތުރު 2,500 ކޮންޓެއިނަރު ރާއްޖެއަށް އައުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އޭޕްރީލް 12 ގައި 500 ކޮންޓެއިނަރު، 13 ގައި 500 ކޮންޓެއިނަރު، އަދި 14 ވަނަ ދުވަހު 1,500 ކޮންޓެއިނަރުގެ މުދާ ރާއްޖެއަށް ވަންނާނެ ކަމަށް ވަޒީރު މުޙައްމަދު ސަޢީދު މަޢުލޫމާތު ދެއްވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *