މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް، މ. ފަތަޙަ، ޙުސެއިން ފަހުމީ މިއަދު އައްޔަންކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، އެމްޑަބްލިޔުއެސްސީގެ ބޯޑު މެންބަރުކަމުގެ މަޤާމަށާއި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ފަހުމީ އައްޔަންކުރެއްވީ މިއަދުން ފެށިގެންނެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ޢަބްދުލްމަތީން މުޙައްމަދު މިދިޔަ އާދީއްތަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މި މަގާމަށް އައްޔަންކުރެއްވި ފަހުމީއަކީ މީގެކުރިން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ސްޓެލްކޯގައި 27 އަހަރުގެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، އެ ކުންފުނީގެ އެމްޑީގެ މަގާމަށް އޭނާ އައްޔަންކުރެއްވީ ނޮވެމްބަރު 2023 ގައެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން، ފަހުމީ ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އޮފީހުގެ މިނިސްޓަރެއްގެ މަގާމުގައެވެ.

