ޤައުމީ އެއަރލައިން، މޯލްޑިވިއަނުން މުޅިން އަލަށް އޮސްޓްރޭލިއާއަށް ކުރާ ދަތުރުތައް އަންނަ މަހު ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ވައިގެ މަގުން ސީދާ ދަތުރުތައް ފެށުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސަސްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މޭ މަހުގެ 17 ވަނަ ދުވަހުއެވެ. މިގޮތުން ރާއްޖެއިން އޮސްޓްރޭލިއާގެ މެލްބާންއަށް މޭ 17 ގައި ފްލައިޓް ދަތުރުކުރުމަށްފަހު، އެނބުރި ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ މޭ 19 ވަނަ ދުވަހުއެވެ.

މޯލްޑިވިއަނުން ބުނީ ފުރަތަމަ މަރުޙަލާގައި ހަފުތާއަކު އެއް ދަތުރު ކުރުމަށް ނިންމާފައިވީ ނަމަވެސް، ކަސްޓަމަރުންގެ ޑިމާންޑަށް ބެލުމަށްފަހު ދަތުރުތައް އިތުރުކުރުމަށް ރާވާފައިވާ ކަމަށެވެ.

ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ވައިގެ ސީދާ ދަތުރުތައް ބޭއްވުމުގެ މަގު ފަހިވެގެންދިޔައީ މިދިޔަ މާރިޗު މަހުގެ 19 ވަނަ ދުވަހު ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު "ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓް" ގެ ދަށުންނެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޯޑުގެ ޗެއާމަން އަބްދުލް ހާރިސްއެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ އިންޓަނޭޝަނަލް އޭވިއޭޝަންގެ އެސިސްޓަންޓް ސެކްރެޓަރީ ޖިމް ވޯލްފްއެވެ.

ސަރުކާރުން ހާމަކުރައްވާ ގޮތުގައި މި އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ވައިގެ ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އޮސްޓްރޭލިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ކުރިއަރަމުން އަންނަ މާކެޓެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ދެ މަސްދުވަހު އެކަނިވެސް އޮސްޓްރޭލިއާއިން 6,526 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 1.4 އިންސައްތައިގެ ކުރިއެރުމެކެވެ. މޯލްޑިވިއަންގެ މި ސީދާ ދަތުރުތަކާއެކު، އޮސްޓްރޭލިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *