ދުނިޔޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި އެންމެ ކުރީގައި އުޅޭ ނެޓްފްލިކްސްއިން، "ވޯނާ ބްރޯސް ޑިސްކަވަރީ" ގަތުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމުން، އެ ކުންފުނީގެ ވިޔަފާރީގެ އަމާޒު އިޝްތިހާރުގެ ދާއިރާއަށާއި އަމިއްލަ އުފެއްދުންތަކަށް ބަދަލުކުރަން ނިންމައިފިއެވެ. މި ނިންމުމަކީ ބޮޑު މުއާމަލާތެއް ނާކާމިޔާބުވުމާ ގުޅިގެން، މާކެޓުގައި ދެމިއޮތުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އިންވެސްޓަރުން މިހާރު އެންމެ ބޮޑަށް އިންތިޒާރު ކުރަމުންދަނީ، ވޯނާ ބްރޯސް ގަތުމުގެ ވިސްނުން ދޫކޮށްލުމަށްފަހު ނެޓްފްލިކްސްއިން ނެރޭ ފުރަތަމަ ކުއާޓާލީ ރިޕޯޓަށެވެ. މާލީ މާހިރުން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް ތަނުގައި ނެޓްފްލިކްސްގެ މައިގަނޑު އަމާޒަކަށް ވާނީ އަމިއްލަ އުފެއްދުންތަކަށް ކުރާ ހޭދަ އިތުރުކުރުމާއި، އިޝްތިހާރުން ލިބޭ އާމްދަނީ ބޮޑުކުރުމެވެ.

ވޯނާ ބްރޯސް ކާމިޔާބު ކުރެވުނުނަމަ، "ގޭމް އޮފް ތުރޯންސް" އަދި "ފްރެންޑްސް" ފަދަ މަޝްހޫރު ސީރީޒްތަކުގެ މިލްކުވެރިކަން ނެޓްފްލިކްސްއަށް ލިބުނީހެވެ. ނަމަވެސް، މި ފުރުސަތު ގެއްލުމާއެކު ނެޓްފްލިކްސްއަށް ވަނީ ވާދަވެރިކަން އިތުރުވެފައެވެ. ވަކިން ހާއްސަކޮށް، ވޯނާ ބްރޯސް އާއި ޕެރަމައުންޓް ގްލޯބަލް ގުޅިގެން 110 ބިލިއަން ޑޮލަރުގެ ބޮޑު މުއާމަލާތެއް ފުރިހަމަކޮށްފިނަމަ، ނެޓްފްލިކްސްއަށް މާކެޓުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެއެވެ.

މާލީ ގޮތުން ބަލާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓާގައި ނެޓްފްލިކްސްގެ އާމްދަނީ 15.5 އިންސައްތަ އިތުރުވެ، 12.18 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 634 މިލިއަން ޑޮލަރަކީ އިޝްތިހާރު ހިމެނޭ ޕެކޭޖުތަކުން ލިބޭނެ އާމްދަނީ ކަމަށް ބެލެވެއެވެ. އެމެރިކާގައި ނެޓްފްލިކްސްގެ އަގުތަކަށް ގެނައި ބަދަލާއެކު، ގިނަ ބަޔަކު އަގުހެޔޮ އިޝްތިހާރު ޕެކޭޖުތަކަށް ބަދަލުވާނެ ކަމަށްވެސް ބެލެވެއެވެ.

މި ހުރިހާ ބަދަލުތަކަކާއެކުވެސް، ނެޓްފްލިކްސްގެ ހިއްސާގެ އަގު ވަނީ މިއަހަރުގެ ތެރޭގައި 13 އިންސައްތަ ކުރިއަށް ޖެހިފައެވެ. އަދި ވޯނާ ބްރޯސް ގަތުމުގެ މަސައްކަތް ހުއްޓާލި ފަހުން އެކަނިވެސް ހިއްސާގެ އަގު ވަނީ 26 އިންސައްތަ މައްޗަށް ގޮސްފައެވެ. ކުރިއަށް އޮތް ތަނުގައި ލައިވް ޕްރޮގްރާމްތަކާއި ކުޅިވަރުގެ ދާއިރާއަށް ވަދެ، ދުނިޔޭގެ އެންމެ ބޮޑު އެޑްވަަޓައިޒިން ޕްލެޓްފޯމަށް ވުމަކީ ނެޓްފްލިކްސްގެ ދުރު ރާސްތާގެ އަމާޒެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *