ހޫނު މޫސުމާ ދިމާކޮށް ތުރުކީގެ ޤައުމީ އެއާލައިން، ޓާކިޝް އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އިތުރުކުރުމަށް އެ އެއަރލައިނުން ނިންމައިފިއެވެ.
މި ނިންމުމާ ގުޅިގެން ތުރުކިއޭގެ އިސްތަންބޫލާއި ރާއްޖޭގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާ ދެމެދު ކުރެވޭ ދަތުރުތައް އިތުރުކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ. މި އާ ތާވަލުގެ ދަށުން އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހާ ހަމައަށް ދަތުރުތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މި ބަދަލާއެކު، ކޮންމެ ހަފްތާއަކު ރާއްޖެއާއި އިސްތަންބޫލާއި ދެމެދު ކުރާ ދަތުރުތަކުގެ އަދަދު 4 އިން 6 އަށް އިތުރުވެގެންދާނެއެވެ. ޓާކިޝް އެއަރލައިންގެ ފްލައިޓްތައް އިސްތަންބޫލުން މާލެއަށް ކޮންމެ ބުދަ ދުވަހަކު އައުމަށް ހަމަޖެހިފައިވާއިރު، މާލެއިން އިސްތަންބޫލަށް ދަތުރުކުރާނީ ކޮންމެ ބުރާސްފަތި ދުވަހަކުއެވެ.
ދަތުރުތަކުގެ ތާވަލު ރޭވިފައިވާ ގޮތުން، އިސްތަންބޫލުން ފްލައިޓް ފުރާނީ އެ ގައުމުގެ ގަޑިން ރޭގަނޑު 20:20 ގައެވެ. މި ފްލައިޓް ރާއްޖެއަށް ޖައްސާނީ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 06:30 ގައެވެ. އަދި މާލެއިން ފްލައިޓް ފުރާނީ ހެނދުނު 08:00 ގައެވެ. މި ފްލައިޓް އިސްތަންބޫލަށް ބަނދަރުކުރާނީ އެ ދުވަހުގެ މެންދުރުފަހު 14:20 ގައެވެ.
ޓާކިޝް އެއާލައިންސްގެ ދަތުރުތައް އިތުރުކުރުމަކީ ޔޫރަޕާއި އުތުރު އެމެރިކާގެ މާކެޓްތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ލިބޭނެ ބޮޑު ފަސޭހައެކެވެ. އިސްތަންބޫލަކީ ދުނިޔޭގެ އެކި ކަންކޮޅުތައް ގުޅުވައިދޭ މުހިންމު 'ޓްރާންސިޓް ހަބް' އަކަށް ވުމާއެކު، މިއީ މެދުއިރުމަތީގެ ވައިގެ ސަރަހައްދުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން ދަތުރުވެރިންނަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.
މި ދަތުރުތައް އިތުރުވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ދާއިރާގެ މާހިރުން ދެކެވަޑައިގަންނަވައެވެ.

