ޖަޕާނުގެ މަޝްހޫރު ކެރެކްޓަރ "ހެލޯ ކިޓީ" އުފެއްދި ސަންރިއޯ ކުންފުނިން، އަމިއްލަ ވީޑިއޯ ގޭމްތައް އުފެއްދުމަށްޓަކައި އާ ޑިވިޜަނެއް އިފްތިތާހުކޮށްފިއެވެ. މި މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި 10 އަމިއްލަ ގޭމް

ނެރުމަށް އެ ކުންފުނިން ވަނީ އަމާޒު ހިފާފައެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަންރިއޯގެ ސީއީއޯ ޓޮމޮކޫނީ ސުޖީ ވިދާޅުވީ، އަމިއްލަ ގޭމްތައް އުފައްދަން ނިންމީ ހެލޯ ކިޓީގެ މަގުބޫލުކަން އިތުރުކޮށް، މުޅިން އާ އޯޑިއަންސަކަށް ވާސިލުވުމަށް ކަމަށެވެ. ޚާއްޞަކޮށް ފިރިހެން ކުދިންނާއި ބޮޑެތި ފިރިހެނުންގެ މެދުގައި މި ކެރެކްޓަރތަކަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމަކީ މި މަޝްރޫޢުގެ ބޮޑު މަގުސަދެކެވެ.

މި އާ ޑިވިޜަނުން ނެރޭ ފުރަތަމަ ގޭމް "ސަންރިއޯ ޕާޓީ ލޭންޑް" މިއަހަރު ނިންޓެންޑޯ ސްވިޗް އަދި ސްވިޗް 2 ކޮންސޯލްތަކަށް ނެރުމަށް ވަނީ ހަމަޖެހިފައެވެ. މި ގޭމުގައި 45 އަށްވުރެ ގިނަ މިނީ ގޭމްތައް ހިމެނޭއިރު، ހެލޯ ކިޓީގެ އިތުރުން ސިނަމޯރޯލް އަދި ކުރޯމީ ފަދަ 145 އަށްވުރެ ގިނަ ކެރެކްޓަރތައް ފެނިގެންދާނެއެވެ.

ގޭމިން ދާއިރާއަށް ވަނުމަށްޓަކައި ސަންރިއޯއިން ވަނީ 2027 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް 10 ބިލިއަން ޔެން (63 މިލިއަން ޑޮލަރު) އިންވެސްޓްކުރުމަށް ނިންމާފައެވެ. "ވީޑިއޯ ގޭމަކީ ވަރަށް ބޮޑު މާކެޓެއް. މީހުން ގޭމް ކުޅުމުގައި ގިނަ ވަގުތު ހޭދަކުރޭ. މިއީ އަޅުގަނޑުމެން ކޮންމެހެންވެސް ވަންނަންޖެހޭ ދާއިރާއެއް،" ސީއީއޯ ސުޖީ ވިދާޅުވިއެވެ.

1970 ގެ އަހަރުތަކުގައި ކުޑަ ފައިސާ ދަބަހެއްގެ ކުރެހުމަކުން ފެށުނު ހެލޯ ކިޓީއަކީ މިއަދު ޖަޕާނުގެ "ކަވާއި" (ރީތި ނުވަތަ ލޯބި) ސަގާފަތުގެ އެންމެ ވަރުގަދަ ރަމްޒެވެ. މީގެ ކުރިންވެސް ހެލޯ ކިޓީގެ ގޭމްތައް ނެރެފައިވީ ނަމަވެސް، އެއީ ތިންވަނަ ފަރާތްތަކުން ތައްޔާރުކޮށްފައިވާ ގޭމްތަކެވެ.

ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ އެޑިޑާސް އާއި ބަލެންސިއާގާ ފަދަ ބްރޭންޑްތަކާއެކު ވިޔަފާރީގެ ގުޅުން ބާއްވަމުން އަންނަ ހެލޯ ކިޓީގެ މަގުބޫލުކަން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން 2028 ވަނަ އަހަރު ވޯނަރ ބްރަދަރސްއިން ހެލޯ ކިޓީގެ ފިލްމެއް ނެރުމަށްވެސް މިހާރު ވަނީ ތާވަލުކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *