ދިވެހިބަސް ދަސްކޮށްދިނުމަށް ފަސޭހަވާނެހެން އަލިމަސް އިންސްޓިޓިއުޓުން ތައްޔާރުކުރި "ބަސްކާޑު" ސެޓު، މިނިސްޓަރ ފޮރ ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ނެރެދެއްވައިފިއެވެ.

މި ބަސްކާޑުތައް ނެރުއްވައިދެއްވީ ދިވެހިބަހުގެ އެކަޑަމީން އިސްނަގައިގެން ހުޅުމާލޭ ރުއްގަނޑު 2 ސަރަހައްދުގައި ބޭއްވި "ދިވެހިބަހުގެ ހަވީރު" ގައެވެ. މި ރަސްމިއްޔާތުގައި ވަޒީރު ހީނާ ވަލީދުގެ އިތުރުން، ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދާއި، އަލިމަސް އިންސްޓިޓިއުޓްގެ އިސްވެރިންނާއި ދިވެހި ބަހަށް ލޯބިކުރާ ގިނަ އަދަދެއްގެ އާންމުން ބައިވެރިވެވަޑައިގަންނަވާފައެވެ.

އަލިމަސް އިންސްޓިޓިއުޓުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ބަސްކާޑުތަކަކީ އިނގިރޭސި ބަސް ދަސްކުރުމަށް ބޭނުންކުރާ "ވޯޑް ކާޑް" ތަކުގެ އަސްލަށް ބަލައިގެން، ދިވެހިބަސް ދަސްކޮށްދިނުމަށް ފަސޭހަވާނެހެން ޚާއްޞަކޮށް ފަރުމާކޮށްފައިވާ އުފެއްދުމެކެވެ. މީގެ މައިގަނޑު މަޤޞަދަކީ ކުޑަކުދިންނާއި ދަރިވަރުންގެ މެދުގައި ދިވެހިބަހަށް އޮންނަ ޝައުޤުވެރިކަން އިތުރުކުރުމެވެ. އަދި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ތެރެއިން ބަހުގެ ހަމަތަކާއި ލަފުޒުތައް އުނގަންނައިދިނުމަކީ ބަސް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ އިންސްޓިޓިއުޓުން ފާހަގަކުރެއެވެ.

މި ބަސްކާޑު ސެޓުތައް ޚާއްޞަކޮށްފައިވަނީ ރާއްޖޭގެ ތަޢުލީމީ މަންހަޖުގެ ކީސްޓޭޖް 1 އަދި ކީސްޓޭޖް 2 ގެ ދަރިވަރުންނަށެވެ. އެހެންކަމުން، ޕްރައިމަރީ ގްރޭޑްތަކުގައި ތަޢުލީމު ހާސިލުކުރަމުންދާ ކުދިންނަށް ދިވެހިބަހުގެ އައު ލަފުޒުތަކާއި އޭގެ މާނަ ދަސްކުރުމުގައި މި ކާޑުތަކުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި ބަސްކާޑުތައް ނެރެދެއްވުމަށްފަހު ވަޒީރު ހީނާ ވަލީދު ވަނީ، ދިވެހިބަސް ދިރުވައި އާލާކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކަކީ ޤައުމީ ފެންވަރުގައި ބަލައިގަންނަ، އަދި ބަހުގެ މުސްތަޤުބަލަށްޓަކައި ނުހަނު ބޭނުންތެރި މަސައްކަތްތަކެއްކަން ފާހަގަކުރައްވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *