ދުނިޔޭގެ ބޮޑެތި ބައެއް އެއާލައިންތަކުން މިއަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރުމަށް ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފި އެވެ.

މިކަން ހާމަކުރެއްވީ މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތު މޮނީޓާކޮށް ލަފާ އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި، ޓޫރިސްޓް ރިސޯޓްތައް ހިއްސާވާ ޖަމިއްޔާ (މަޓީ) އަދި ގެސްޓްހައުސް އެސޯސިއޭޝަން ފަދަ ސިނާއަތުގެ ހުރިހާ ސްޓޭކްހޯލްޑަރުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަތުރުތައް އިތުރުކުރާ އެއާލައިންތަކުގެ ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ނަންމަޝްހޫރު ޤަތަރު އެއާވޭސް އަދި އެމިރޭޓްސް އެއާލައިނުން ކުރިއަށް އޮތް ޖޫން މަހުން ފެށިގެން ރާއްޖެއަށް ބާއްވާ ފްލައިޓްތަކުގެ އަދަދު ހަފްތާއަކު ތިން ފްލައިޓަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން، ބްރިޓިޝް އެއާވޭސްއިންވެސް ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ވަނީ ނިންމާފަ އެވެ.

މެދުއިރުމަތީގެ ނުތަނަވަސްކަމާ ގުޅިގެން، ވަކިން ހާއްސަކޮށް އެމެރިކާ އަދި އިސްރާއީލުން އިސްވެ އީރާނަށް ދޭންފެށި ހަމަލާތަކުގެ ސަބަބުން، ރާއްޖެއަށް އުދުހުންތައް ތާވަލްކޮށްފައި އޮތް ގިނަ އަދަދެއްގެ ފްލައިޓްތަކެއް މީގެ ކުރިން ވަނީ ކެންސަލްވެފަ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހަނގުރާމަ ފެށުނު ފުރަތަމަ 45 ދުވަހުގެ ތެރޭގައި އެކަނިވެސް ރާއްޖެއަށް އަންނަން އޮތް 600 އަށްވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްވެފަ އެވެ.

މި ހާލަތުގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރު ވަގުތީ ގޮތުން ދަށަށް ދިޔަ ނަމަވެސް، މިނިސްޓަރު އަމީން ވިދާޅުވީ ފަތުރުވެރިކަމުގެ "ލޯ ސީޒަން" ނިމިގެންދާއިރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަލުން އިތުރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މިހާރުވެސް ބައެއް އެއާލައިންތަކުން ދަތުރުތައް އަލުން ފަށާފައިވާއިރު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާކަން ކަމާބެހޭ އިދާރާތަކުން ފާހަގަކުރެ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *