ސަރުކާރުން ރާވާފައިވާ ގޮތަށް ބޭރުގެ މާލީ ބާޒާރުތަކުން ދަރަނި ނުލިބުމުގެ ސަބަބުން، ދިވެހި ރުފިޔާގެ އަގު އިތުރަށް ވެއްޓިދާނެކަމުގެ ބިރު އޮތްކަމަށް ދައުލަތުގެ މެދު ރާސްތާގެ ދަރަނީގެ ސިޔާސަތު ނުވަތަ މީޑިއަމް ޓާމް ޑެޓް ސްޓްރެޓަޖީ (2025 އިން 2027 އަށް) އާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން  އާންމުކުރި ރިޕޯޓުގައި ބުނެފިއެވެ.

އެ ރިޕޯޓުގައި، ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން ކަންބޮޑުވާންޖެހޭ ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ.

ދައުލަތުގެ މެދު ރާސްތާގެ ދަރަނީގެ ސިޔާސަތަކީ، އެންމެ ކުޑަ ހަރަދެއްގައި ސަރުކާރުގެ ފައިނޭންސިން ބޭނުންތައް ފުއްދުމާއި ރިސްކު ކުޑަ މިންވަރެއްގައި ހިފެހެއްޓުމާއެކު އެތެރޭގެ ކެޕިޓަލް މާކެޓު ކުރިއެރުވުމަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ މުހިންމު ސިޔާސަތެކެވެ. ނަމަވެސް، ފިސްކަލް ރެސްޕޮންސިބިލިޓީ ގާނޫނުގެ ދަށުން އޮޑިޓާ ޖެނެރަލް ކުރެއްވި އޮޑިޓުން ދައްކާގޮތުގައި، ފާއިތުވި އަހަރުތަކުގައި ބަޖެޓު އެކުލަވާލުމުގައާއި ބަޖެޓު ތަންފީޒުކުރުމުގެ މަރުހަލާގައިވެސް، މެދު ރާސްތާގެ ފިސްކަލް ސިޔާސަތާއި ދަރަނީގެ ސިޔާސަތުގައި ކަނޑައަޅާފައިވާ އިންތަކުން ސަރުކާރުން ވަނީ ބޭރުވެފައެވެ. މިކަމުގެ ސަބަބުން ދަރަނީގެ ސިޔާސަތު އެންމެ އެދެވޭ ގޮތެއްގައި ތަންފީޒުކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ދަރަނި ނެގުމަށް ކަނޑައަޅާފައިވާ މިންވަރާއި، 2025 އިން 2027 އަށް އެކުލަވާލާފައިވާ ދަރަނީގެ ސިޔާސަތާ ދެމެދު ބޮޑެތި ތަފާތުތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. އަދި ބަޖެޓު ފާސްކުރުމަށްފަހު، މުހިންމު މާލީ އިސްލާހުތައް ތަންފީޒުކުރުން ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުންތަކުގެ ސަބަބުން ދަރަނީގެ ސިޔާސަތާ އިތުރަށް ހިލާފުވެފައިވާކަންވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މިއީ މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތް ހިންގުމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ.

މެދު ރާސްތާގެ ދަރަނީގެ ސިޔާސަތުގައި، ބޭނުންވާ ފައިސާގެ ބޮޑު ބައެއް ބޭރުގެ މާލީ އިދާރާތަކުންނާއި ބޭރުގެ ބާޒާރުތަކުން ހޯދުމަށް ވަނީ ރާވާފައެވެ. އެހެންނަމަވެސް، އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި، ބޭރުން ފައިސާ ހޯދުމަށް މިހާރު ހުރި ދަތިތަކާއި ހުރަސްތަކުގެ ސަބަބުން މި ޕްލޭން ކާމިޔާބުކަމާއެކު ތަންފީޒުކުރުމަކީ ވަރަށް ނާދިރު ކަމެކެވެ. ކޮންސެޝަނަލް ނުވަތަ ލުއި ގޮތްގޮތަށް ބޭރުން ދަރަނި ހޯދުމަށް ހުރި ދަތިތަކުގެ ސަބަބުން، ސަރުކާރަށް މަޖުބޫރުވެފައިވަނީ އެތެރޭގެ ބާޒާރަށް ބަރޯސާވާށެވެ.

ބޭރު ފައިސާގެ ދަތިކަން ބޮޑުވެ، ބޭރުން ދަރަނި ނުލިބުމުގެ ސީދާ ނަތީޖާއަކީ އެކްސްޗޭންޖް ރޭޓް ނުވަތަ ރުފިޔާގެ އަގު ވެއްޓުމުގެ ނުރައްކާ (އެކްސްޗޭންޖް ރޭޓް ރިސްކް) ކުރު އަދި މެދު ރާސްތާގައި ވަރަށް ބޮޑަށް އިތުރުވެގެން ދިއުމެވެ. ބޭރު ފައިސާއިން ނަގާފައިވާ ދަރަނިތައް އަދާކުރުމަށް ބޭނުންވާ ޑޮލަރު ނުލިބުމާއި، ރިޒާވަށް ކުރާ ބާރު ބޮޑުވުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށް މަރުކަޒީ ބޭންކަށްވެސް ދަތިތަކަކާ ކުރިމަތިލާންޖެހޭނެކަމަށް މާލީ މާހިރުން ލަފާކުރައްވައެވެ. މިއީ އާންމު ރައްޔިތުންނަށް އޭގެ ސަބަބުން ތަކެތީގެ އަގު ބޮޑުވުމުގެ ތަކުލީފު އުފުލަންޖެހިދާނެ ކަމެއްކަން އޮޑިޓް ރިޕޯޓުގެ ހޯދުންތަކުން ދޭހަވެއެވެ.

ބޭރުން ފައިސާ ނުލިބުމުގެ ސަބަބުން، ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި އެތެރޭގެ ބާޒާރުން ދަރަނި ނަގާ މިންވަރު ވަނީ އިންތިހާއަށް އިތުރުވެފައެވެ. އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިގޮތަށް އެތެރޭގެ ބާޒާރުން މެދުކެނޑުމެއްނެތި ފައިސާ ހޯދަމުން ދިއުމަކީ ދަރަނީގެ ދެމެހެއްޓެނިވިކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *