މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ދަށުން، ފެނާއި ނަރުދަމާގެ މައި ހޮޅިތައް އެޅުމުގެ މުހިންމު މަސައްކަތްތަކެއް އެމްޓީސީސީން ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދާ ސެގްމަންޓް 2، 3 އަދި 4 ގެ މަސައްކަތްތައް މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ. މިގޮތުން، ބަނދަރު ސަރަހައްދު ވަރުގަދަކުރުމަށް ޖަހާ ޝީޓް ޕައިލްގެ 63 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިއީ ޖުމްލަ 330 މީޓަރުގެ ސަރަހައްދެކެވެ.

މި ވަގުތު ކުރިއަށްދާ އެންމެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ނަރުދަމާ ނިޒާމު އިތުރަށް ފުރިހަމަކުރުމާއި، ފެނާއި ނަރުދަމާގެ މައި ހޮޅިތައް އެޅުމުގެ އިތުރުން، މަގުގައި ފެންބޮޑުވުން ހައްލުކުރުމަށް ބޭނުންވާ ފެން ހިންދާ ކެޗްޕިޓްތަކާއި ވަޅުތައް ހެދުން ހިމެނެއެވެ. މީގެ އިތުރުން އެންކަރ ބްލޮކްތަކާއި ކީވޯލް ޕެނަލްތައް ހަރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

އެމްޓީސީސީން ވިދާޅުވި ގޮތުގައި، އަންނަ ހަފުތާގައި ކީވޯލް ކެޕިންގ ކޮންކްރީޓް އެޅުމުގެ މަސައްކަތް ފެށޭނެއެވެ. މިއީ މަގުގެ ދުވާރު ހެދުމުގެ މަސައްކަތަށް މަގުފަހިވެގެންދާނެ ވަރަށް މުހިންމު މަރުހަލާއެކެވެ. ހަމައެއާއެކު، މަގު ޒީނަތްތެރި ކުރުމުގެ ގޮތުން ސެގްމަންޓް 5 ގައި ގަސް އިންދުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރަމުންދަނީ އެ މަގުގެ ފަރުމާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ. އައު ފަރުމާގެ ދަށުން މަގު ގާތްގަނޑަކަށް 6 މީޓަރު ބޭރަށް ޖައްސާ ފުޅާކުރެވޭނެއެވެ. މީގެ ސަބަބުން މިހާރުވެސް އިއްޒުއްދީނު ފާލަމުން ފެށިގެން ނޯތު ހަބަރާ ހަމައަށް އޮތް ސަރަހައްދުގައި ޓްރެފިކް ތޮއްޖެހުން ކުޑަވެ، މުދާ އުފުލާ އުޅަނދުތަކާއި މަސްދޯނިފަހަރަށް ބޮޑެތި ލުއިތަކެއް ލިބިފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން އެންމެ ބޮޑު ބަދަލެއް އަންނާނީ މަގުގެ ތިންވަނަ ސެގްމަންޓަށެވެ. އެ ސަރަހައްދުން ބައެއް ހިއްކައިގެން 500 ސައިކަލު ޕާކު ކުރެވޭނެ ބޮޑު ޕާކިންގ ޒޯނެއް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. މިކަމަށްޓަކައި ބަނދަރުގެ ތެރެއިން 98 މީޓަރު ދިގު، 28 މީޓަރު ފުޅާ ސަރަހައްދެއް މިހާރު ވަނީ ހިއްކާ ނިންމާފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *