މާލެ ސަރަހައްދުގައި ދަތުރުފަތުރުގެ ޚިދުމަތް ދެމުން އަންނަ "މާލެ ޓެކްސީ ލައިން" އިން މިދިޔަ މަހުގެ 18 އިން ފެށިގެން މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް 13,073 ދަތުރު ކޮށްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ޓެކްސީ ލައިން މެދުވެރިކޮށް 9,550 ކަސްޓަމަރުންނަށް ވަނީ ޚިދުމަތް ދީފައެވެ. މި ޚިދުމަތުގެ ދަށުން އެންމެ ގިނަ ދަތުރު ކޮށްފައިވަނީ މާލެ ސިޓީގެ އެތެރޭގައެވެ.

ދަތުރުތައް ބެހިފައިވާ ގޮތް:

  • މާލެ އެތެރޭގައި: 9,395 ދަތުރު
  • ހުޅުމާލެ ފުރަތަމަ ފިޔަވަހި: 1,966 ދަތުރު
  • ހުޅުމާލެ ދެވަނަ ފިޔަވަހި: 1,283 ދަތުރު
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް: 429 ދަތުރު

ސަރުކާރުން މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިދިޔަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ރޭ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ޚިދުމަތް ފެށުމަށްފަހު ފުރަތަމަ ދެ ހަފުތާގައި އާންމުންނަށް ޚިދުމަތް ދީފައިވަނީ މުޅިން ހިލޭއެވެ. މި ޚިދުމަތަށް އަގު ނަގަން ފަށާފައިވަނީ މިދިޔަ މޭ މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.

"މާލެ ޓެކްސީ ލައިން" އަކީ ރައްޔިތުންނަށް އިތުބާރު ކުރެވޭ، ރައްކާތެރި، އަދި ފެންވަރު ރަނގަޅު ޓެކްސީގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ސަރުކާރުން ފެށި މުހިންމު މަޝްރޫއެކެވެ. މި ޚިދުމަތުގައި ބޭނުންކުރަނީ ތިމާވެއްޓާ ރައްޓެހި 150 އިލެކްޓްރިކް ވެހިކަލް (އީވީ) އެވެ.

ކޮންމެ ދުވަހެއްގެ 24 ގަޑިއިރު ޚިދުމަތް ލިބޭނެ ގޮތަށް އިންތިޒާމު ކުރެވިފައިވާ މި ޓެކްސީ ލައިނަކީ، މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ލުއިފަސޭހަކަން ގެނެސްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ހަރުދަނާ މަސައްކަތެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *