މިއަހަރުގެ ބޮޑު އީދު ބަންދާ ދިމާކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ގައުމީ އެއާލައިން "މޯލްޑިވިއަން" އިން ކުރާ ދަތުރުތައް އިތުރުކޮށްފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ، އީދު ބަންދާ ދިމާކޮށް ޓިކެޓު ނުލިބުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މޯލްޑިވިއަނުން މިފަހަރު ޖުމްލަ 1،227 ދަތުރު ކުރާނެ ކަމަށެވެ.

ތަރުޖަމާނު ވިދާޅުވި ގޮތުގައި މި ދަތުރުތައް ކުރިއަށްދާނީ މި ހިނގާ މޭ މަހުގެ 17 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ. މީގެ ތެރޭގައި ހިމެނެނީ 1،014 ޝެޑިއުލް ދަތުރާއި، ބާރުބޮޑުވާ ވަގުތުތަކަށް އަމާޒުކޮށްގެން އިތުރުކުރި 214 ދަތުރެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

އެތެރޭގެ އުދުހުންތަކަށް އެންމެ ބާރު ބޮޑުވާ ދުވަސްވަރު މިއީ. އެބޭފުޅުން ވިދާޅުވީ 1،227 އެތެރޭގެ ދަތުރުތައް އީދު ބަންދާ ދިމާކޮށް ކުރެވިގެންދާނެއޭ. މިއީ މިދިޔަ އަހަރަށް ވުރެ ގިނައިން،

ތަރުޖަމާނު

މި ފަހަރުގެ އީދު ބަންދާ ދިމާކޮށް މޯލްޑިވިއަނުން ވަނީ އެހެން މަސްމަހާ އަޅާބަލާއިރު ދަތުރުތައް 20 އިންސައްތަ އިތުރުކޮށްފައެވެ. ތަރުޖަމާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މުއްދަތުގެ ތެރޭގައި މޯލްޑިވިއަނުން އެކަނިވެސް 64،000 އަށްވުރެ ގިނަ މީހުން ދަތުރުކުރާނެ ކަމަށް އަންދާޒާ ކުރެވެއެވެ. އަދި އަމިއްލަ އެހެން އެއާލައިންތަކުގެ ދަތުރުތަކާއެކު، ވައިގެ މަގުން ދަތުރުކުރާ މީހުންގެ ޖުމްލަ އަދަދު މިއަށްވުރެ އެތައް ގުނައެއް އިތުރުވެގެންދާނެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *