ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރެއް 20:30 ރުފިޔާއަށް އަރައިފި ކަމަށް ވިޔަފާރިވެރިންނާއި ޗުއްޓީގައި ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ރާވާފައިވާ ބައެއް މީހުން ބުނެފިއެވެ.
ފާއިތުވި މަހު ރާއްޖޭގެ ޑޮލަރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 20:15 ރުފިޔާ އާއި 20:30 ރުފިޔާއާ ދެމެދުގެ އަގުތަކުގައެވެ.
ޑޮލަރުގެ އަގު އުފުލެން އަނެއްކާވެސް އުފުލެން މިފެށީ ބޭންކް އޮފް މޯލްޑިވްސްއިން ކާޑުގެ ލިމިޓްތަކަށް ގެނައި ބަދަލުތަކުގެ ސަބަބުންނާއި ބީއެމްއެލްއިން ވިޔަފާރި ޓީޓީތަކަށް ދިން ޑޮލަރު ލުއިތަކަށް ބަދަލު ގެނައުމުގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
އަދި ޑޮލަރުގެ އަގު އުފުލުމުގައި ފިލާތިބެ ބިދޭސީން ބޮޑު އަގުގައި ޑޮލަރު ގަނެ، އަދި ފައިދާއާއެކު ބިދޭސީންނަށް އެ ޑޮލަރު ވިއްކުމުގެ ވިޔަފާރި ފުޅާކުރަމުން ގެންދިއުމަކީވެސް ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެން މެދުވެރިވި ސަބަބެއް ކަމަށްވެއެވެ.
ފްރައިޓް ބޮޑުވުމާއި ޑޮލަތުގެ އަގު އުފުލެމުންދާތީ ވިޔަފާރިވެރިންތިބީ އިންތިހާއަށް ކަންބޮޑުވެފައެވެ.
ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަކީ ރައީސް ޑރ. މުޢިއްޒުގެ މުހިއްމު އަމާޒެކެވެ. އެކަމުގެ ފިޔަވަޅުތައް އެމްއެމްއޭ އާއި ބޭންކްތަކުންވެސް އަޅަމުން ގެންދެއެވެ. ނަމަވެސް މިހާތަނަށް ޑޮލަރުގެ އަގު ދަށަށް ނުދެއެވެ.

