އިންޑިއާގެ މަހާރާޝްތްރާ ސްޓޭޓްގެ މަޝްހޫރު 'އަލްފޮންސޯ' އަނބުގެ އުފެއްދުންތެރިކަން މިއަހަރު އާދަޔާޚިލާފަށް ދަށަށްގޮސް، އެ ސަރަހައްދުގެ ދަނޑުވެރިންނަށް ފަހުގެ ތާރީޚެއްގައި ނުލިބޭ ފަދަ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

އަލްފޮންސޯ އަނބު ހެއްދުމަށް އެންމެ މަޝްހޫރު އެއް ސަރަހައްދު ކަމަށްވާ 'ދޭވްގަދު' ގެ ދަނޑުވެރިން ބުނާ ގޮތުގައި، މޫސުން ބަދަލުވެ ފިނިހޫނުމިނަށް އައި ކުއްލި ބަދަލުތަކުގެ ސަބަބުން ގިނަ ދަނޑުތަކުން މިއަހަރު އެއްވެސް މޭވާއެއް ނުލިބެއެވެ. ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހަމައެކަނި ދޭވްގަދު ސަރަހައްދުންވެސް އުފެއްދުންތެރިކަން ވަނީ 85 އިންސައްތައާއި 90 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށްގޮސްފައެވެ.

ދަނޑުވެރިކަމާ ބެހޭ މާހިރުން ހާމަކުރާ ގޮތުގައި މި ބޮޑު ގެއްލުން ކުރިމަތިވީ 'އެލް ނީނިއޯ' މޫސުމީ ބަދަލުގެ ސަބަބުންނެވެ. އަނބު ގަސްތަކުގައި މާ އަޅާ ދުވަސްވަރު ރޭގަނޑު ފިނިވެފައި ދުވާލު މާ ބޮޑަށް ހޫނުވުމުގެ ސަބަބުން މާތައް ވަނީ މިލައިގެން ގޮސްފައެވެ. އަދި އޭޕްރީލް މަހާއި މޭ މަހުގެ ތެރޭގައި ކުރިމަތިވި ގަދަ ހޫނުގެ ސަބަބުން ގަސްތަކުގައި ބާކީ ހުރި މަދު އަނބުކޮޅަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ޒުވާން ދަނޑުވެރިއެއް ކަމަށްވާ ކޯމަލް ވޯލްކޭ ބުނި ގޮތުގައި، ކުރިން އޯޑަރު ނަގާފައިވާ މިންވަރަށް އަނބު ފޯރުކޮށްނުދެވޭތީ ބޮޑެތި ކަސްޓަމަރުން ގެއްލިދާނެ ކަމުގެ ބިރު އެބައޮތެވެ. ބައެއް ދަނޑުވެރިންނަށް ޖެހިފައިވަނީ ވިޔަފާރި ހިފެހެއްޓުމަށްޓަކައި އެހެން ބޮޑެތި ދަނޑުތަކުން އަނބު ގަނެގެން ކަސްޓަމަރުންނަށް ފޯރުކޮށްދޭށެވެ.

މި މައްސަލައިގެ ސަބަބުން އިންޑިއާއިން ބޭރު ގައުމުތަކަށް އަނބު އެކްސްޕޯޓް ކުރާ މިންވަރުވެސް ވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. ޚާއްޞަކޮށް ގަލްފުގެ ގައުމުތަކާއި ޔޫރަޕްގެ ބާޒާރުތަކަށް އަނބު ފޮނުވުމަށް ކުރާ ހޭދަ ބޮޑުވުމާއި، ބޯޓުފަހަރު ލަސްވުމުގެ ސަބަބުން އެކްސްޕޯޓަރުންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. ބޭރަށް ފޮނުވަން ތައްޔާރުކުރި ބައެއް ޝިޕްމަންޓްތައް މިހާރު ވަނީ އިންޑިއާގެ ބާޒާރުތަކުގައި ވިއްކަން މަޖުބޫރުވެފައެވެ.

މި ގެއްލުމުގެ އަސަރު ހަމައެކަނި ދަނޑުވެރިންނަކަށް ނޫނެވެ. އަނބު ބަންދުކުރާ ފޮށި އުފައްދާ ފަރާތްތަކަށާއި، މި ދާއިރާއަށް ބަރޯސާވެފައިވާ އެތައް ހާސް މަސައްކަތްތެރިންނަށްވެސް ވަނީ މާލީ ގޮތުން ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. މޫސުމީ ބަދަލުތައް މިގޮތަށް ކުރިއަށްދާނަމަ، އިންޑިއާގެ އެންމެ އަގުބޮޑު އަދި މަޝްހޫރު އެއް މޭވާ ކަމަށްވާ އަލްފޮންސޯ އަނބުގެ މުސްތަޤުބަލާމެދު ދަނޑުވެރިންނާއި މާހިރުން ދަނީ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *