މަޝްހޫރު ލަގްޒަރީ ކާރު އުފައްދާ އިޓަލީގެ ފެރާރީ ކުންފުނިން އެ ކުންފުނީގެ ފުރަތަމަ ފުރިހަމަ އިލެކްޓްރިކް ކާރު "ލޫޗޭ" ރަސްމީކޮށް ދައްކާލައިފިއެވެ. 640،000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 9.8 މިލިއަން ދިވެހި ރުފިޔާ) އަށް ވިއްކުމަށް ހަމަޖެހިފައިވާ މި ކާރަކީ ފެރާރީގެ ތާރީޚުގައި އުފެއްދި ފުރަތަމަ ފަސް މީހުންގެ ޖާގަ ހިމެނޭ ކާރެވެ.
އެޕަލް ކުންފުނީގެ ކުރީގެ ޑިޒައިން ޗީފް ސަރ ޖޯނީ އައިވްގެ "ލަވްފްރޮމް" އެޖެންސީއާ ގުޅިގެން ފަރުމާކޮށްފައިވާ މި ކާރުގެ ނަމަކީ އިޓަލީ ބަހުން "އަލި" އެވެ. ރޯމްގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތުގައި ފެރާރީގެ ސީއީއޯ ބެނެޑެޓޯ ވީނިއާ ވިދާޅުވި ގޮތުގައި، މި ކާރު ފަރުމާކޮށް އުފެއްދުމަށް ފަސް އަހަރު ދުވަސް ހޭދަވެފައިވެއެވެ. އަދި މި ރަސްމިއްޔާތުގެ ތެރެއިން ޕޯޕް ލިއޯއަށް މި ކާރު ދައްކާލައި، ކާރުގެ ހުންގާނެއް ހަދިޔާކޮށްފައިވެއެވެ.
މި ކާރުގެ ފަރުމާއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އާންމުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. ބައެއް ފަރާތްތަކުން މިއީ "ޑިޒައިންގެ މާސްޓަރކްލާހެއް" ކަމަށް ބުނާއިރު، އަނެއް ބަޔަކު ވަނީ މިއީ ކުނިގޮޑަށް އުކާލަންޖެހޭ ފަދަ ފަރުމާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. މި ކާރު ދައްކާލުމާއެކު، މިލާން ސްޓޮކް މާކެޓްގައި ފެރާރީގެ ހިއްސާގެ އަގު 8 އިންސައްތައަށް ވެއްޓިފައިވާއިރު، ނިއުޔޯކް މާކެޓްގައި 5 އިންސައްތައަށް އަގު ވަނީ ދަށަށް ގޮސްފައެވެ.
ޓެކްނިކަލް ގޮތުން ބަލާއިރު، "ލޫޗޭ" ގެ ކޮންމެ ފުރޮޅެއްގައި ފެރާރީން އަމިއްލައަށް އުފައްދާފައިވާ އިލެކްޓްރިކް މޯޓަރެއް ހަރުކޮށްފައިވެއެވެ. މީގެ ސަބަބުން އެންމެ 2.5 ސިކުންތުގެ ތެރޭގައި ގަޑިއަކު 60 މޭލު (96 ކިލޯމީޓަރު) ގެ ބާރުމިނަށް ކާރު ދުއްވާލެވެއެވެ. ކުންފުނިން ބުނާ ގޮތުގައި ކާރުގެ ހުރިހާ ބައިތަކަކީ ކުންފުނީގެ އެތެރޭގައި އުފައްދާފައިވާ ތަކެތި ކަމުން، މުސްތަޤުބަލުގައި ކާރު މަރާމާތުކުރުމަށް ފަސޭހަވެ، ކާރުގެ އަގު ހިފެހެއްޓުމަށް އެހީތެރިވެދޭނެއެވެ.
ފެރާރީން މީގެ ކުރިން އިލެކްޓްރިކް ކާރު އުފެއްދުމާ ދެކޮޅަށް ވާހަކަ ދެއްކި ނަމަވެސް، މިހާރު ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ. ނަމަވެސް، ދުނިޔޭގެ ބާޒާރުގައި އިލެކްޓްރިކް ކާރުތަކަށް އޮތް ޑިމާންޑް ދަށްވުމާއި ޗައިނާގެ ކުންފުނިތަކުގެ ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން، ލަމްބޯގިނީ އަދި ޕޯޝޭ ފަދަ ކުންފުނިތަކުން ވަނީ އެމީހުންގެ އިލެކްޓްރިކް ކާރުގެ ޕްލޭންތަކަށް ބަދަލު ގެނެސްފައެވެ. އަދި ފޯޑް އާއި ފޯކްސްވެގަން ފަދަ ކުންފުނިތަކުން އަނެއްކާވެސް ޕެޓްރޯލް ކާރުތަކަށް އިސްކަންދޭން ވަނީ ފަށާފައެވެ.

