ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އެ އެއަރލައިންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާ ބޯޓު މިއަހަރުގެ ފަހުކޮޅު ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިޔާސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ޤައުމީ އެއަރލައިނަށް އިތުރު ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ގެނައުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. މިދިޔަ އަހަރުގެ ޖަނަވަރީ މަހު ފުރަތަމަ ވައިޑް-ބޮޑީ ބޯޓު ގެނައުމަށްފަހު، ދެވަނަ ބޯޓެއް ގެނައުމުގެ އުންމީދު މިހާރު ބޮޑުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މަސައްކަތުގައި ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން އިޔާސް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި މިވަގުތު ވައިޑް-ބޮޑީ ބޯޓުތަކަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ބޯޓު ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

މިކަމުގައި އަޅުގަނޑުމެންނަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދުނިޔޭގެ މާކެޓުގައި މި ބޯޓަށް ވަރަށް ބޮޑު ޑިމާންޑެއް އޮތް ދުވަސްވަރު އަޅުގަނޑުމެންނަށް މި މަސައްކަތް ކުރެވެމުންދަނީ. އެހެންކަމުން އެއަރކްރާފްޓު އެވޭލަބިލިޓީ ވަރަށް ބޮޑަށް ލިމިޓްކޮށް ހުރީ. ޚާއްސަކޮށް އަޅުގަނޑުމެން ޗޫޒްކުރި ވައިޑް-ބޮޑީ. އެހެންވީމަ ލަސްތަކެއް އައިސްފަ މިވަނީ،

އިޔާސް

އެހެންނަމަވެސް، ބޯޓު އުފައްދާ އެއަރބަސް ކުންފުންޏާއެކު ކުރެވުނު މަސައްކަތުން މިހާރު މިކަމަށް ހައްލެއް ލިބިފައިވާކަމަށާއި، މިއަހަރުގެ ފަހުކޮޅު މި ބޯޓު ރާއްޖެއަށް ގެނެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށް އިޔާސް ވިދާޅުވިއެވެ.

ދެވަނަ ވައިޑް-ބޮޑީ ބޯޓާއެކު މޯލްޑިވިއަންގެ ދަތުރުތައް އިތުރު މަންޒިލްތަކަށް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ބައިނަލްއަޤުވާމީ ފަންނީ ކޮންސަލްޓަންސީއާއެކު ހެދި ފީސަބިލިޓީ ސްޓަޑީތަކަށް ބަލައި، ރަޝިޔާ އަދި ސައުތު ކޮރެއާއަށް ސީދާ ދަތުރުތައް ފެށުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އެންމެ މުހިންމު މާކެޓުތައް ކަމަށް އައިލެންޑް އޭވިއޭޝަނުން ފާހަގަކުރެއެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ޤައުމީ އެއަރލައިންގެ ޤާބިލުކަން އިތުރުކުރުމަށް ފެއްޓެވި މި މަޝްރޫޢުގެ ދަށުން، އެންމެ ފުރަތަމަ ވައިޑް-ބޮޑީ ބޯޓު ކަމަށްވާ އެއަރބަސް އޭ330-200 މަރުކާގެ ބޯޓު ރާއްޖެ ގެނައީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުއެވެ.

264 މީހުންގެ ޖާގައިގެ މި ބޯޓާއެކު މޯލްޑިވިއަނުން މިހާރުވެސް ދަނީ ގިނަ ޤައުމުތަކަކަށް ދަތުރުތައް ކުރަމުންނެވެ. އޭގެ ތެރޭގައި ޗައިނާގެ އެކި ސިޓީތަކާއި، އިންޑިއާ، ބަންގްލަދޭޝްގެ އިތުރުން ދާދި ފަހުން ފެށި އޮސްޓްރޭލިއާގެ ސީދާ ދަތުރުތައް ހިމެނެއެވެ. އަދި ޙައްޖާއި ޢުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ކުރާ ދަތުރުތަކުގައިވެސް މި ބޯޓު އަންނަނީ ބޭނުންކުރަމުންނެވެ.

ސަރުކާރުގެ އަމާޒަކީ ދެވަނަ ބޯޓާއެކު މޯލްޑިވިއަންގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ދުނިޔޭގެ މުހިންމު މަންޒިލްތަކުން ސީދާ ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް މަގުފަހިކުރުމެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *