ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިގެ ކޮމިޝަނުން ޗައިނާގެ މަޝްހޫރު އޮންލައިން ރީޓެއިލާ "ޓީމޫ" 200 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 175 މިލިއަން ފައުންޑް) އިން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ އެ ކުންފުނީގެ އެޕްލިކޭޝަން މެދުވެރިކޮށް ނުރައްކާތެރި އަދި ފެންވަރުދެރަ ތަކެތި ވިއްކުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާތީއެވެ.
ޔޫރަޕިއަން ކޮމިޝަނުން ހާމަކުރި ގޮތުގައި، ޓީމޫއިން ވަނީ ކަސްޓަމަރުންނަށް ލިބިދާނެ ގެއްލުންތަކާއި، އެ ކުންފުނިން ވިއްކާ ތަކެތީގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަނެ، އެކަންކަން ވަޒަންކުރުމުގައި އިހުމާލުވެފައެވެ. މިގޮތުން، އެ ކުންފުނިން ވިއްކާފައިވާ ބައެއް ކަހަލަ ޗާޖަރުތަކަކީ ކަރަންޓުގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ނުފެތޭ ތަކެތި ކަމަށާއި، ކުޑަކުދިން ކުޅޭ ބައެއް ސާމާނަކީވެސް ރައްކާތެރި ތަކެތި ނޫންކަން 19 މަސްދުވަހުގެ ތަހުގީގަކަށްފަހު ވަނީ ހާމަވެފައެވެ.
މިކަމާ ގުޅޭގޮތުން ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސާ ހެނާ ވިރްކޫނެން ވިދާޅުވީ، ޓީމޫއިން ނުރައްކާތައް ވަޒަންކޮށްފައިވަނީ ވަރަށް ފަރުވާކުޑަކޮށް ކަމަށާއި، އެކަމުގައި އެކަށީގެންވާ ހެކިތަކެއް ނެތް ކަމަށެވެ. އަދި މިހާރު މިއީ ޓީމޫއިން ގާނޫނަށް ބޯލަނބަންޖެހޭ ވަގުތު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ޓީމޫގެ ތަރުޖަމާނަކު ވަނީ އީޔޫގެ މި ނިންމުމަށް އިންކާރުކޮށްފައެވެ. އޭނާ ވިދާޅުވީ ޖޫރިމަނާގެ އަދަދު ބޮޑު ކަމަށާއި، އެ ނިންމުން އިތުރަށް މުރާޖައާ ކުރަމުންދާ ކަމަށެވެ. ޓީމޫއިން ބުނާ ގޮތުގައި މި ޖޫރިމަނާއަކީ 2024 ވަނަ އަހަރާ ގުޅުންހުރި ކަމެއް ކަމަށާއި، އޭގެ ފަހުން އެ ކުންފުނީގެ ނިޒާމުތައް ވަނީ އިތުރަށް ހަރުދަނާކޮށްފައެވެ.
ކޮންސިއުމާ ޕްރޮޓެކްޝަން ގްރޫޕެއް ކަމަށްވާ "ވިޗް؟" ގެ އިސްވެރިޔާ ސޫ ޑޭވިސް ވިދާޅުވި ގޮތުގައި، މިއީ އޮންލައިން މާކެޓްތަކުން ވިއްކާ ނުރައްކާތެރި ތަކެއްޗާމެދު އެޅުނު ވަރުގަދަ ފިޔަވަޅެކެވެ. މީގެ ކުރިންވެސް ޓީމޫއިން ގަނެފައިވާ އިލެކްޓްރިކް ބުރުަހަކުން ތިން އަހަރުގެ ކުއްޖެއްގެ އިސްތަށިގަނޑު އުފުރައިގެން ދިޔަ ހާދިސާއެއް ފަދަ ނުރައްކާތެރި އެތައް ކަމެއް ވަނީ ފާހަގަކުރެވިފައެވެ.
ކޮލިން ހުއާންގް 2022 ވަނަ އަހަރު އުފެއްދި ޓީމޫ އަކީ މިހާރު ދުނިޔޭގެ 90 ގައުމެއްގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. މި ކުންފުނީގެ ބެލެނިވެރި ކުންފުނި ޕީޑީޑީ ހޯލްޑިންގްސްއަށް 2024 ވަނަ އަހަރު 40 ބިލިއަން ފައުންޑްގެ އާމްދަނީއެއް ލިބިފައިވެއެވެ. ޓީމޫއަށް އަންނަ އޯގަސްޓް 28 ގެ ކުރިން ޖޫރިމަނާ ދައްކައި، މައްސަލަތައް އިސްލާހުކުރުމަށް ވަނީ މުހުލަތު ދީފައެވެ.

