ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ މާލީ ވަރުގަދަކަމާއި، ރާއްޖޭގެ މާކެޓުގައި އެ ބޭންކުން އަދާކުރާ އިސް ދައުރު ބަލައިގަނެ، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީ "ފިޗް ރޭޓިންގްސް" އިން އެ ބޭންކަށް ހަރުދަނާ ކްރެޑިޓް ރޭޓިންގްއެއް ދީފިއެވެ.

ފިޗުން ވަނީ ބީ.އެމް.އެލްގެ ލޯންގް-ޓާމް އިޝުއަރ ޑިފޯލްޓް ރޭޓިންގް 'ސީސީސީ-' ގައި ކަނޑައަޅައި، ބޭންކުގެ އައުޓްލުކް 'ސްޓޭބަލް' ނުވަތަ އެއްވަރެއްގައި ހިފެހެއްޓިފައިވާ ހާލަތެއްގައިވާ ކަމަށް ނިންމާފައެވެ. މީގެ އިތުރުން، ބޭންކުގެ ލޯކަލް ކަރަންސީ ލޯންގް-ޓާމް އައިޑީއާރު 'ސީސީސީ+' ގައި ކަނޑައަޅާފައިވާއިރު، މިއީ ދައުލަތުގެ ސޮވަރިން ރޭޓިންގްއަށްވުރެ ދެ ދަރަޖަ މަތީ ރޭޓިންގްއެކެވެ. މިއީ ދައުލަތުގެ މާލީ ހާލަތާ އަޅާބަލާއިރު ބޭންކުގެ އަމިއްލަ މާލީ ދުޅަހެޔޮކަން ވަރުގަދަވެފައިވާ ކަމުގެ ހެއްކެކެވެ.

މި ރޭޓިންގް ބީ.އެމް.އެލްއަށް ލިބިފައިވަނީ، އޭޕްރީލް 2026 ގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ދިވެހި ސަރުކާރުން ކާމިޔާބުކަމާއެކު އަދާކުރުމާ ގުޅިގެން، ރާއްޖޭގެ ސޮވަރިން ރޭޓިންގް 'ސީސީ' އިން 'ސީސީސީ-' އަށް ފިޗުން މަތިކުރުމާ ގުޅިގެންނެވެ. ރާއްޖޭގެ ރޭޓިންގް ރަނގަޅުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އާމްދަނީ އިތުރުކުރުމަށް ފެށި އިސްލާހީ މަސައްކަތްތަކާއި ބޭރު ފައިސާގެ ގާނޫނަށް ގެނައި ހަރުދަނާ ބަދަލުތައް މުހިންމު ދައުރެއް އަދާކޮށްފައިވާކަން ފިޗުން ފާހަގަކުރެއެވެ.

ބީ.އެމް.އެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، ފިޗްގެ މި ވަޒަންކުރުމަކީ ބޭންކުގެ މާކެޓް ލީޑަރޝިޕާއި، މާލީ ގޮތުން ދައްކަމުންދާ ހަރުދަނާ ނަތީޖާތަކުގެ ނަތީޖާއެވެ. އަދި މިއީ ކުދި ޖަޒީރާ ގައުމެއްގެ އިގުތިސާދުގައި ހުރި ގޮންޖެހުންތަކާ އެކުވެސް ކުރިއަށްދިއުމުގެ ގާބިލުކަން ބޭންކުގައި ހުރިކަން ހާމަކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފިޗުން ވަނީ ދިވެހި ބޭންކިންގް ދާއިރާގައި ބީ.އެމް.އެލްގެ އޮތް ބޮޑު ހިއްސާއާއި، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފޯރުކޮށްދޭ ފުޅާ ޚިދުމަތްތައް ފާހަގަކޮށްފައެވެ. އަދި ބޭންކުގެ ރައުސްމާލު ވަރުގަދަވުމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓް ސިޔާސަތުތަކުގެ ސަބަބުން، ގައުމުގެ އިގުތިސާދަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭންކުގެ ދައުރު ފުޅާވަމުންދާކަން އެ އެޖެންސީން ފާހަގަކުރެއެވެ.

ރާއްޖޭގެ އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ސަރުކާރުން ހަރުދަނާކަމާއެކު ކުރިއަށްގެންދާއިރު، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން މިފަދަ ރޭޓިންގްތަކެއް ދިނުމަކީ ރާއްޖޭގެ މާލީ ނިޒާމަށް އޮތް އިތުބާރު ބޮޑުވެ، އިގުތިސާދު އައު ހަރުފަތަކަށް ވާސިލުވުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *