ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް، ގެ މާލީ ވަރުގަދަކަމާއި ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސް ބަލައިގަނެފިއެވެ. އަދި މާކެޓުގައި އޮތް އިސް މަގާމަށް ވެސް ރިއާޔަތްކޮށް ފިޗުން ވަނީ ބީއެމްއެލަށް ކްރެޑިޓް ރޭޓިންއެއް ވެސް ދީފި އެވެ.
ބީއެމްއެލް އިން ބުނީ، އެ ބޭންކަށް ދިން ފިޗް ރޭޓިން އިން އެނގެނީ ދައުލަތުގެ މާލީ ހާލަތާ އަޅާބަލާއިރު އެ ބޭންކުގެ އަމިއްލަ މާލީ ދުޅަހެޔޮކަން ވަރުގަދަކަން ކަމަށެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ލޯކަލް ކަރަންސީ ލޯންގް-ޓާމް އައިޑީއާރު 'ސީސީސީ+' ގައި ކަނޑައަޅާފައިވާއިރު، މިއީ ދައުލަތުގެ ސޮވަރިން ރޭޓިން އަށް ވުރެ ދެ ދަރަޖަ މަތީ ރޭޓިންއެކެވެ.
ފިޗުން "ބީއެމްއެލްގެ ލޯންގް-ޓާމް އިޝުއާ ޑިފޯލްޓް ރޭޓިން" ކަނޑައެޅީ "ސީސީސީ" ގަ އެވެ. އެ ބޭންކުގެ އައުޓްލުކް ވަނީ "ސްޓޭބަލް" ނުވަތަ އެއްވަރެއްގައި ހިފެހެއްޓިފައިވާ ހާލަތެއްގަ އެވެ.
ފިޗްގެ މި ވަޒަންކުރުމަކީ އެ ބޭންކުގެ މާކެޓް ލީޑަޝިޕާއި މާލީ ގޮތުން ދައްކަމުން އަންނަ ހަރުދަނާ ނަތީޖާތަކާއި ކުދި ޖަޒީރާ ގައުމެއްގެ އިގުތިސާދުގައި ހުރި ގޮންޖެހުންތަކާ އެކު ވެސް ކުރިއަށް ދިއުމުގެ ގާބިލުކަން ބަލައިގަތުމެއް ކަމަށް މާލީ ތަޖުރިބާކާރުން ސިފަކުރެއެވެ. ގަބޫލުކުރެއެވެ.
ބީއެމްްއެލްގެ ރޭޓިން ވަރުގަދަވުމުގެ އެއް ސަބަބެއްގެ ގޮތުގައި ފިޗުން ފާހަގަކޮށްފައިވަނީ އެ ބޭންކުގެ ރައުސްމާލު ވަރުގަދަވުމެވެ. މިއީ ބޭންކުގެ އަމިއްލަ ހިންގުމުގެ ތެރެއިން ރައުސްމާލު އިތުރުކުރުމުގެ ގާބިލުކަމާއި ހަރުދަނާ ރިސްކް މެނޭޖްމަންޓް ސިޔާސަތުތަކާއި ގައުމުގެ އިގުތިސާދަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެމުން ވެސް މާލީ ރައްކާތެރިކަން ދެމެހެއްޓުމުގެ ގާބިލުކަން ހުރިކަން ހާމަކޮށްދޭ ކަމެކެވެ.
މި ރޭޓިންގް ދީފައިވަނީ މިދިޔަ އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ރާއްޖެ އިން އަދާކުރުމާ ގުޅިގެން، ރާއްޖޭގެ ސޮވަރިން ރޭޓިންގް 'ސީސީ' އިން 'ސީސީސީ' އަށް ފިޗުން މަތިކުރުމާ ގުޅިގެންނެވެ. ރާއްޖޭގެ ރޭޓިން މަތިކުރުމާއި ސަރުކާރުން އާމްދަނީ އިތުރުކުރުމަށް ފެށި އިސްލާހީ މަސައްކަތްތަކާއި ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލުތައް މުހިންމު ދައުރެއް އަދާކުރި އެވެ.

