މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަޤާމަށް، ރާއްޖޭގެ މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ ޙަސަން ޒަރީރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަން ކުރައްވައިފިއެވެ.
ވަޒީރަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ޙަސަން ޒަރީރު ވަނީ ސޮއިކުރައްވާފައެވެ.
ފިނޭންސް މިނިސްޓަރުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި ޙަސަން ޒަރީރަކީ، ދައުލަތުގެ މާލީ ނިޒާމާއި، ޓެކްސް، ބޭންކިންގ އަދި އޮޑިޓިންގ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
މި މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޒަރީރު ހުންނެވީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުގައެވެ. މީގެ އިތުރުން، އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯ.އީ.ސީ.ޑީ) ގެ ގްލޯބަލް ފޯރަމް އޮން ޓެކްސް ޓްރާންސްޕޭރަންސީގެ އޭޝިއާ އިނީޝިއޭޓިވްގެ ކޯ-ޗެއާގެ މަޤާމުވެސް އެމަނިކުފާނު މިހާރު ފުރުއްވަމުން ގެންދަވައެވެ.
ތަޢުލީމީ ދާއިރާއަށް ބަލާއިރު، ޙަސަން ޒަރީރު ވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ (އައި.އައި.ޔޫ.އެމް) އިން މާސްޓަރ އޮފް ސައިންސް އިން ފައިނޭންސް އަދި ބެޗްލަރ އޮފް އެކައުންޓިންގ ހާސިލުކުރައްވާފައެވެ. އެމަނިކުފާނަކީ ޔޫ.ކޭގެ ސީ.އައި.އެމް.އޭ ގެ ފެލޯ ޗާޓަރޑް މެނޭޖްމަންޓް އެކައުންޓަންޓެއްގެ އިތުރުން، ސީ.ޕީ.އޭ އޮސްޓްރޭލިއާގެ މެންބަރެއްވެސް މެއެވެ.
ޒަރީރު ކުރިން ފުރުއްވާފައިވާ މުހިންމު މަޤާމުތަކުގެ ތެރޭގައި، މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ކަމާއި، ވިލާ ގްރޫޕްގެ ޑައިރެކްޓަރ އޮފް ފައިނޭންސް ކަމާއި، ބޭންކް އޮފް މޯލްޑިވްސްގެ ބޯޑުގެ ޗެއަރޕާސަންކަން ހިމެނެއެވެ. އަދި ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވްގެ މަޤާމުވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ.

