ކަނޑުމަގުން ގެންނަ މުދާ ވައިގެ މަގުން ދުނިޔޭގެ އެކި މަންޒިލްތަކަށް ފޮނުވުމަށް ފަށާފައިވާ "ސީ-ޓު-އެއާ ކާގޯ" ހިދުމަތުގެ ދަށުން، ފާއިތުވި މޭ މަހު 162 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.
އެމްޕީއެލް އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، 15 މޭ 2024 ގައި ރަސްމީކޮށް ފެށި މި ހިދުމަތުގެ ދަށުން ނިމިދިޔަ މަހު ޖުމްލަ 29 ކޮންޓެއިނަރުގެ މުދާ ވަނީ ރާއްޖެއިން ބޭރަށް ފޮނުވާފައެވެ. މި މުދާތައް ފޮނުވާފައިވަނީ ދުނިޔޭގެ މަޝްހޫރު ފަސް އެއާލައިނެއް މެދުވެރިކޮށް، ދުނިޔޭގެ ހަތް ގައުމަކަށެވެ.
މިދިޔަ މަހު ސީ-ޓު-އެއާ ކާގޯ މެދުވެރިކޮށް މުދާ އުފުލި އެއާލައިންތަކަކީ:
- ގަތަރު އެއާވޭސް
- އިއްތިހާދު އެއާވޭސް
- ސައުދިއާ
- ސްވިޒް އެއާ
- ޓާކިޝް އެއާލައިންސް
މި ހިދުމަތަކީ ރާއްޖެއަށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު ބޭނުންވާ މަންޒިލްތަކަށް ވައިގެ މަގުން އަވަހަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި ފެށި ހިދުމަތެކެވެ. މިއީ އެމްޕީއެލް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)، މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

