ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ "ބޭންކް ފަންޑު" އަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ކުރިއަށް އޮތް އާދީއްތަ ދުވަހަށް ހަމަވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ކްލަބް، ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒުކޮށްގެން، މުޖުތަމައަށް ފައިދާހުރި ދެމެހެއްޓެނިވި މަޝްރޫއުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ތައާރަފުކޮށްފައިވާ ގްރާންޓެކެވެ. 2024 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ހުޅުވާލާ މި ފަންޑަށް މިއަހަރު ފުރުސަތު ހުޅުވާލާފައިވަނީ ނިމިދިޔަ މޭ މަހުގެ 13 ވަނަ ދުވަހުއެވެ.
ބީއެމްއެލް އިން މައުލޫމާތު ދޭ ގޮތުގައި، މި ފަންޑަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. މި ފަންޑަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް ފޮނުވަން ޖެހެނީ [email protected] އަށެވެ.
މި ފަންޑުގެ ދަށުން ހޮވޭ އެންމެ ރަނގަޅު 5 ޕްރޮޕޯސަލްއަކަށް، ކޮންމެ ޕްރޮޖެކްޓަކަށް 200,000 ރުފިޔާގެ ހިލޭ އެހީ ބޭންކުން ފޯރުކޮށްދޭނެއެވެ. މި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ތައުލީމު، ތިމާވެށި، ކުޅިވަރުގެ ދާއިރާއިން އަދި މުޖުތަމައަށް ފައިދާހުރި އިޖުތިމާއީ މަޝްރޫއުތައް ހިންގުމަށެވެ.
ބީއެމްއެލް އިން ބުނީ މި ފަންޑުގެ ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ޖަމިއްޔާތައް ބާރުވެރިކުރުވައި، ރަށްރަށުގެ ތަރައްގީއަށާއި ރައްޔިތުންގެ ލާބައަށް ކުރާ މަސައްކަތްތަކުގައި ބޭންކުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

