ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި މިހާރުވެސް ހުރި އީލޯން މަސްކް، ދުނިޔޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 'ޓްރިލިއަނަރެއް’ގެ ޝަރަފު ހޯދައިފިއެވެ. މަސްކްއަށް މި މުއްސަނދިކަން ލިބިފައިވަނީ އޭނާގެ ރޮކެޓް ކުންފުނި ކަމަށްވާ ސްޕޭސްއެކްސްގެ ހިއްސާގެ އަގު ބާޒާރުގައި ބޮޑުތަނުން އުފުލުމާ ގުޅިގެންނެވެ.

މި ކުރިއެރުމާއެކު އީލޯން މަސްކްގެ ޖުމްލަ މިލްކިއްޔާތު ނުވަތަ ނެޓް ވޯތު މިހާރު ވަނީ 1.11 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. މަސްކްއަށް މި ތާރީޚީ މުއްސަނދިކަން ލިބުނީ، ރޮކެޓާއި، މުއާސަލާތީ އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ޚިދުމަތްދޭ ސްޕޭސްއެކްސްގެ އަގު ނޭޒްޑެކް ހިއްސާގެ ބާޒާރުގައި 2.2 ޓްރިލިއަން އެމެރިކާ ޑޮލަރަށް އުފުލުމާ ގުޅިގެންނެވެ.

ސްޕޭސްއެކްސްގެ ހިއްސާގެ ބާޒާރުގެ ތަފުސީލުތަކަށް ބަލާއިރު، އެ ކުންފުނިން ހިއްސާއެއްގެ އެންމެ ކުޑަ އަގަކީ 135 ޑޮލަރު ކަމަށް ބުނި ނަމަވެސް، ބާޒާރުގައި ހިއްސާގެ އަގުތައް ފެށިގެން ދިޔައީ 150 ޑޮލަރުންނެވެ. އަދި ދުވަހުގެ ތެރޭގައި ހިއްސާއެއްގެ އަގު 176.5 ޑޮލަރަށް އުފުލުމަށްފަހު، ދުވަސް ނިމުނުއިރު އަގު ހުރީ 161 ޑޮލަރުގައެވެ. ހިއްސާގެ ބާޒާރަށް ނިކުތުމުގެ ކުރިން ކުރިއަށް ގެންދިޔަ 'އިނިޝަލް ޕަބްލިކް އޮފަރިންގ' (އައިޕީއޯ) ގައިވެސް އިންވެސްޓަރުންގެ ފަރާތުން 75 ބިލިއަން ޑޮލަރު އެ ކުންފުންޏަށް ލިބިފައިވެއެވެ.

ސްޕޭސްއެކްސްގެ 42 އިންސައްތަ ހިއްސާގެ ވެރިޔަކީ އީލޯން މަސްކް ކަމަށްވުމުން، އެ ކުންފުނީގެ މުހިންމު ނިންމުންތައް ނިންމުމާއި އިންވެސްޓަރުންގެ ފައިސާ ޚަރަދުކުރާނެ ގޮތް ކަނޑައެޅުމުގެ ފުރިހަމަ ބާރު އޭނާއަށް އޮވެއެވެ. ބްލޫމްބާގްގެ އަންދާޒާތަކުން ދައްކާގޮތުގައި، ސްޕޭސްއެކްސްގައި އޮތް އޭނާގެ ހިއްސާގެ އަގު އެކަނިވެސް 767.1 ބިލިއަން ޑޮލަރަށް އަރައެވެ. މީގެ އިތުރުން ސްޕޭސްއެކްސްގެ ސްޓޮކް އޮޕްޝަންތަކުން 53.8 ބިލިއަން ޑޮލަރު ލިބޭއިރު، އޭނާގެ މަޝްހޫރު ކާރު ކުންފުނި 'ޓެސްލާ' ގައި އޮތް ހިއްސާގެ އަގު 168 ބިލިއަން ޑޮލަރަށް އަރައެވެ. އަދި ޓެސްލާގެ ސްޓޮކް އޮޕްޝަންތަކުގެ އަގު 116.4 ބިލިއަން ޑޮލަރާ ގާތްކުރެއެވެ.

މި ބޮޑު ކުރިއެރުމާއެކު، އީލޯން މަސްކް މިވަނީ ދުނިޔޭގެ މާލީ ތާރީޚުގައި އާ ސޮފުހާއެއް ލިޔެ، އެންމެ ނުފޫޒުގަދަ އަދި އެންމެ މުއްސަނދި ވިޔަފާވެރިޔާގެ ގޮތުގައި އޭނާގެ މަގާމު އިތުރަށް ވަރުގަދަކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *