މިއަހަރުގެ މިހާތަނަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދު 1 ބިލިޔަން ރުފިޔާއަށްވުރެ އިތުރުވެފައިވާކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އެންމެ ފަހުން ނެރުނު "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖޫން މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފަށް މުޅި ޖުމްލަ 1.0 ބިލިޔަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޖަމާކުރި 934 މިލިޔަން ރުފިޔާއާ އަޅާބަލާއިރު %10 އިތުރު އަދަދެކެވެ.

ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާ އިތުރުވެފައިވާއިރު، ދައުލަތުގެ ދަރަނި ދެއްކުމަށް ކުރި ހޭދަވެސް ވަނީ މި މުއްދަތުގައި ބޮޑުތަނުން އިތުރުވެފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް 8.7 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް ހޭދަކުރި 3.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %178 އިތުރު އަދަދެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިއަހަރު ދެއްކި 500 މިލިޔަން ޑޮލަރުގެ ބޮޑު ލޯނު ދެއްކުމުގައިވެސް ބޭނުންކޮށްފައިވަނީ އެސްޑީއެފްގެ ފައިސާއެވެ.

ސޮވެރިން ފަންޑަކީ ކުއްލި ހާލަތްތަކުގައި ކުރިމަތިވެދާނެ ކަންކަމަށާއި، ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ އިތުރުން، އިޤްތިޞާދަށް އަތުވެދާނެ ލޮޅުންތަކުން ލިބޭ ގެއްލުން ފޫބެއްދުމަށް 2016 ވަނަ އަހަރު އުފައްދާފައިވާ ފަންޑެކެވެ. މި ފަންޑަކީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ރިޒާވްއާ މުޅިން ވަކިން ބަލަހައްޓާ ފަންޑެކެވެ.

މި ފަންޑަށް ފައިސާ ޖަމާކުރަނީ މައިގަނޑު ތިން ދިމާލަކުން ލިބޭ އާމްދަނީއިންނެވެ. އެއީ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބޭ ފައިސާއާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ދައުލަތަށް ދައްކާ ޑިވިޑެންޑް ނުވަތަ ހިއްސާގެ ފައިދާގެ އިތުރުން، އެއަރޕޯޓުގެ ބައެއް ޚިދުމަތްތަކުގެ ފީތަކަށް ގެނައި ބަދަލާއެކު އިތުރަށް ލިބޭ އާމްދަނީއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *