ސަރުކާރުން އަލަށް އެކުލަވާލި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާއި، އިގްތިސާދު ހަރުދަނާކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް އުއްމީދީ ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ.
ވޯލްޑް ބޭންކުން އަލަށް އާންމުކުރި "މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް 2026″ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަނޑައެޅި އާ ސިޔާސަތުތަކުގެ ނަތީޖާ އަންނަނީ ފެންނަމުންނެވެ. ވަކިން ހާއްސަކޮށް، ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް ޖެހޭ ނިސްބަތުން، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާ ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ބަދަލުކުރުމަކީ ރިޒާވް ވަރުގަދަވުމަށް މެދުވެރިވި މުހިންމު ސަބަބެއްގެ ގޮތުގައި އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، 2024 ވަނަ އަހަރުގެ ފަހުކޮޅު އިންޑިއާގެ ރިޒާވް ބޭންކާއެކު ހެދި ކަރަންސީ ސްވޮޕް އެއްބަސްވުމަކީ ވެސް އިގްތިސާދީ ހަމަޖެހުމަށް އެޅުނު ބާރުގަދަ ފިޔަވަޅެއްގެ ގޮތުގައި ވޯލްޑް ބޭންކުން ވަނީ ސިފަކޮށްފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވް 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް 1.3 ބިލިއަން ޑޮލަރަށް ވަނީ އަރާފައެވެ. އަދި އޭޕްރީލް މަހުގެ ނިޔަލަށް ދައްކަން ހުރި ބޮޑެތި ދަރަނިތައް އަދާކުރުމަށްފަހު ވެސް، މޭ މަހުގެ ނިޔަލަށް ރިޒާވްގައި 717.9 މިލިއަން ޑޮލަރު ހުރިކަން ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރަމުން ވޯލްޑް ބޭންކުން ބުނީ، އާމްދަނީ އިތުރުކޮށް ޚަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން 2025 ވަނަ އަހަރު ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ފަރަގު (ޑެފިސިޓް) 5.1 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައިވާ ކަމަށެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 4.3 އިންސައްތައެވެ.
2024 ވަނަ އަހަރު ބަޖެޓު ޑެފިސިޓް 10.8 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، މިހާރު ވަނީ އެ އަދަދު ވަރަށް ބޮޑަށް ދަށްކުރެވިފައެވެ. ދައުލަތުގެ ޚަރަދުތައް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 37.1 އިންސައްތައަށް ދަށްކޮށްފައިވާއިރު، މިއީ ކުރީ އަހަރާ އަޅާބަލާއިރު 8.3 އިންސައްތައިގެ ދަށްވުމެކެވެ. ހަމައެއާއެކު، ދައުލަތުގެ އާމްދަނީ ވަނީ 12 އިންސައްތައިގެ ކުރިއެރުމަކާއެކު ގައުމީ އުފެއްދުންތެރިކަމުގެ 33 އިންސައްތައަށް އިތުރުވެފައެވެ.
ރާއްޖޭގެ މާލީ އިތުބާރު ބޮޑުވެފައިވާކަން ފާހަގަކުރަމުން ވޯލްޑް ބޭންކުން އިތުރަށް ބުނީ، ބޭރުގެ މާލީ އިދާރާތަކަށް ދައްކަންޖެހޭ ސުކޫކު ޕޭމެންޓުތަކާއި، އެސްބީއައިއަށް ދައްކަންޖެހޭ ފައިސާގެ އިތުރުން ކަރަންސީ ސްވޮޕްގެ ފައިސާ ވެސް ރާއްޖެއިން ގަވާއިދުން އަނބުރާ ދައްކާފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ އިގްތިސާދީ މުސްތަގުބަލާ މެދު އޮތް ޔަގީންކަން އިތުރުވެގެންދާނެ ކަމެއް ކަމަށް އެ ރިޕޯޓުގައިވެއެވެ.

