ދިވެހިރާއްޖޭގައި މަސްވެރިކަމުގެ އިތުރު ގޮފިތައް ތަރައްޤީކޮށް، ވަކި ސިނާޢަތެއްގެ ގޮތުގައި މެރިކަލްޗަރ ކުރިއެރުވުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ފަށްޓަވައިފިއެވެ. މި މަސައްކަތުގެ ދަށުން ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރުމަށްޓަކައި ޚާއްޞަ 5 ސަރަޙައްދެއް ސަރުކާރުން މިހާރު ވަނީ ކަނޑައަޅުއްވާފައެވެ.

ސަރުކާރުން ކަނޑައަޅުއްވާފައިވާ 5 ސަރަޙައްދަކީ ބޮޑު ތިލަދުންމައްޗާއި، ރ. އަތޮޅާއި، މ. އަތޮޅުގެ އިތުރުން ތ. އަތޮޅެވެ. މީގެއިތުރުން ކ. މަނިޔަފުއްޓާއި ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއްވެސް މިކަމަށްޓަކައި ވަނީ ޚާއްޞަކުރައްވާފައެވެ.

ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ، ރާއްޖޭގައި ސީވީޑް އާލާކުރުމުގެ މަސައްކަތް މިހާރު ކުންފުންޏަކުން ތަޖުރިބާކޮށްފައިވާ ކަމަށާއި، އެ މަސައްކަތް ފެންނަނީ ވަރަށް ކާމިޔާބު މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.

ޚާއްޞަކޮށް ބ. ފެހެންދޫގައި ކުރިއަށްދާ ސީވީޑް އާލާކުރުމުގެ މަސައްކަތާ ގުޅޭގޮތުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، އެ މަސައްކަތް ފެށީ 100 ވަރަކަށް ކިލޯގެ ސީވީޑް ކަލްޗަރ ކުރަން ފަށައިގެން ކަމަށެވެ. ނަމަވެސް މިހާރު މަހެއްގެ މައްޗަށް 63 ޓަނުގެ ޑްރައިޑް ސީވީޑް (ހިއްކި ސީވީޑް) ހާވެސްޓްކޮށް އެކްސްޕޯޓްކުރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

63 ޓަނުގެ ޑްރައިޑް ސީވީޑަކީ އެއީ ގާތްގަނޑަކަށް ބަލާނަމަ 5 ކޮންޓެއިނަރގެ ސީވީޑް އެކްސްޕޯޓްކުރެވިގެން އެދަނީ މަހެއްގެ މައްޗަށް. އެހެންވީމަ މިއީ ހަމަ ރަނގަޅު އިންވެސްޓްމަންޓެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ. އަޅުގަނޑުމެން މިވަގުތު މި މަސައްކަތް ކުރަނީ މި މަސައްކަތް އިތުރަށް ފުޅާކޮށް މުޅި ރާއްޖެއަށް ފަތުރާލުމުގެ މަސައްކަތް،

މުއްޠަލިބް

މީގެއިތުރުން ގއ. އަތޮޅުގައިވެސް ދިވެހިންގެ ބަޔަކު ސީވީޑް ކަލްޗަރ ކުރުމުގެ އިންވެސްޓްމަންޓެއް ކުރަމުންދާކަމާއި، މިކަމަށް އިތުރު ޕްރޮޕޯސަލްތައް ލިބެމުންދާކަން ވުޒާރާއިން ހާމަކުރެއެވެ. ސަރުކާރުގެ އުންމީދަކީ މި ސިނާޢަތް ފުޅާވެ، ކައިރި މުސްތަޤްބަލެއްގައި ކަޅުބިލަމަހުގެ މަސްވެރިކަމާ އެއްވަރުގެ ނުވަތަ އެއަށްވުރެ ބޮޑު އާމްދަނީއެއް ޤައުމަށް ލިބިގެންދިއުމެވެ.

މެރިކަލްޗަރ ވިޔަފާރިއަށް ޝައުޤުވެރިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ވަނީ "މެރިކަލްޗަރ ސްކީމް" އެއްވެސް ތަޢާރަފްކޮށްފައެވެ. މި ސްކީމްގެ ދަށުން މޫދުކޮށި ގަތުމަށާއި، މިހާރު ކުރަމުންދާ މަސައްކަތްތައް ފުޅާކުރުމަށް މާލީ އެހީތެރިކަން ލިބިގެންދާނެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދު ސިންދަފާތު ކުރުމަށް ކުރައްވާ މުހިންމު މަސައްކަތެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *