މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް މަސްވެރިންނަށް 1.1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، 2023 ވަނަ އަހަރު މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށެވެ. ނަމަވެސް، ރައީސް މުޢިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވީ އެ "ބެކްލޮގް" ނުވަތަ ނުދެވި ހުރި ފައިސާ ޚަލާޞްކުރުމަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މަސްވެރިންނަށް ޖުމްލަ 1,175,803,626.60 (އެއް ބިލިއަން އެއް ލައްކަ ހަތްދިހަ ފަސް މިލިއަން، އަށްސަތޭކަ ތިންހާސް ހަ ސަތޭކަ ސައްބީސް ރުފިޔާ ފަސްދޮޅަސް ލާރި) ދޫކޮށްފައިވާ ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަމުންދާކަން ވަޒީރު ކަށަވަރުކޮށްދެއްވިއެވެ.
ބެކްލޮގް ކްލިއަރކުރުމަށް ޚާއްސަ އިސްކަމެއް ދެއްވި. މިއީ ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ މަސައްކަތެއް،
ވަޒީރު ޝިޔާމް
މީގެ އިތުރުން، މަސްވެރިކަމުގެ ސިނާޢަތުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށާއި، މި ސިނާޢަތް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ފުރިހަމަ ޔަޤީންކަން ދޭކަމަށް ވަޒީރު ވިދާޅުވިއެވެ. މަސްވެރިންނަށް މާލީ ގޮތުންނާއި އިދާރީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް ޙައްލުކޮށް، ފުރުޞަތުތައް ފަސޭހަކޮށްދިނުމަށްޓަކައި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް މި ބައްދަލުވުމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

