ރަޝިޔާގެ ލަގްޒަރީ މާކެޓަށް ޚާއްޞަ ކޮށްގެން ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ މުހިންމު ހަރަކާތެއް ވިޒިޓް މޯލްޑިވްސް  އިން ކުރިޔަށް ގެންގޮސްފިއެވެ.

މި ހަރަކާތަކީ ރަޝިޔާގެ ލަގްޒަރީ އަދި "ސްލޯ ޓްރެވަލް" ސެގްމެންޓުގައި ދިވެހިރާއްޖޭގެ މަޤުބޫލުކަން އިތުރުކޮށް، އެ ޤައުމުގެ ޓްރެވެލް ޓްރޭޑް ޕާޓްނަރުންނަށް ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ބޭއްވި ހަރަކާތެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.

ރަޝިޔާގައި ބޭއްވި މި ހަރަކާތަކީ ދިވެހިރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި އަބަދުވެސް އެންމެ އިސްކަންދޭ "ޓޮޕް-އޮފް-ދަ މައިންޑް" މަންޒިލަކަށް ހެދުމަށްޓަކައި، ރަޝިޔާގެ މަޝްހޫރު ޓުއަރ އޮޕަރޭޓަރެއް ކަމަށްވާ "ލޮޓީ" އާއެކު ވެފައިވާ ޕާޓްނަރޝިޕްގެ ދަށުން ބޭއްވި ފުރަތަމަ ހަރަކާތެވެ.

މި ހަރަކާތުގެ ތެރެއިން ރަޝިޔާގެ މަޤުބޫލު ރެސްޓޯރެންޓެއް ކަމަށްވާ "އަސުންޓާ މާދްރޭ"ގެ ޓީމުން ވަނީ ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ދިވެހި ރަހަތަކާ ގުޅުވައިގެން ޚާއްޞަ ކެއުންތަކެއް މެހުމާނުންނަށް ތައްޔާރުކޮށްދީފައެވެ. އެގޮތުން ކަނޑުމަހުގެ ބާވަތްތަކާއި، ތާޒާ މަހުގެ އިތުރުން ޒަމާނީ ރަހަތައް އެކުލެވޭ ގިނަ ބާވަތްތަކެއް ހިމަނައި، އެ ތަކެތީގެ އަސްލާއި ރަހަތައް އެއްކޮށްލުމުގައި ގެންގުޅުނު ފަލްސަފާ މެހުމާނުންނަށް ވަނީ ކިޔައިދީފައެވެ.

މި ހަރަކާތާ ގުޅޭގޮތުން ލޮޓީން ބުނީ، ރާއްޖެއަކީ މިއަދު ދުނިިޔޭގެ އެންމެ ފެންވަރު ރަނގަޅު މަންޒިލަކަށް ވެފައިވަނީ ފަތުރުވެރިކަން ކުރިއެރުވުމަށް ގެންގުޅުނު ދުރުވިސްނޭ ސިޔާސަތުތަކާއި ޤުދުރަތީ ތަރިކަ ރައްކާތެރިކުރުމަށް ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ. ލޮޓީއަކީ ރަޝިޔާގެ ޕްރީމިއަމް ޓްރެވަލް މާކެޓުގައި ފާހަގަކޮށްލެވޭ، ލަގްޒަރީ ޓުއަރތަކާއި ޗާޓަރ ފްލައިޓުތަކަށް ޚާއްޞަ ކުންފުންޏެކެވެ.

"ލޮޓީ"ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025-2026 ވަނަ އަހަރަށް ރަޝިޔާ މާކެޓުން ރާއްޖެއަށް އޮތް ޝައުޤުވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން "ލޫޖޯ ބްލެކްޖެޓް" ބިޒްނަސް ލައިނާގައި ރާއްޖެއަށް ކުރާ ދަތުރުތަކުގެ 98 އިންސައްތަ ސީޓު މިހާރުވެސް ވަނީ ވިކިފައެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ.

މިއަހަރުގެ މިހާތަނަށް 6,400 އަށްވުރެ ގިނަ ސީޓް ވިއްކާފައިވާއިރު، އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ އައު އަހަރުގެ ބަންދާ ދިމާކޮށެވެ. މީގެ އިތުރުން 2026-2027 ގެ ފިނި މޫސުމަށް މިހާރުވެސް 20 އިންސައްތަ ބުކިންތައް ލިބިފައިވާކަން ލޮޓީން ފާހަގަކުރެއެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ދިވެހިރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓަމުންދާ ކަމުގެ ހެއްކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *