ބަހްރައިންގެ އެންމެ ކުރިއަރާފައިވާ ހޮސްޕިޓާލިޓީ ކުންފުނި ކަމަށްވާ ގަލްފް ހޮޓެލްސް ގްރޫޕް (ޖީ.އެޗް.ޖީ) އިން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ކުރާ ފުރަތަމަ އިންވެސްޓްމަންޓްގެ ގޮތުގައި، ދިވެހިރާއްޖޭގައި މަތީ ފަންތީގެ ލަގްޒަރީ ރިސޯޓެއް ތަރައްޤީކުރުމަށް ނިންމައިފިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ގަލްފް ހޮޓެލްސް ގްރޫޕާއި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ކައިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ދެމެދު މިހާރު ވަނީ ފަހުމުނާމާއެއްގައި (އެމް.އޯ.ޔޫ) ސޮއިކޮށްފައެވެ. ބަހްރައިންގައި ބޭއްވުނު ރަސްމިއްޔާތެއްގައި ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން މި ރިސޯޓު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ކާފު އަތޮޅުގެ ފަޅެއްގައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ލޯންޗެއްގައި ގާތްގަނޑަކަށް 15 އާއި 25 މިނެޓުން ދެވޭހާ ގާތުގައި ތަރައްޤީކުރާ މި ރިސޯޓަކީ އެކަހެރިކަމާއި ހިތްފަސޭހަކަން ލިބޭނެ ފަދަ ގޮތަކަށް ފަރުމާކުރެވޭ ރިސޯޓެކެވެ. މި މަޝްރޫޢުގެ ދަށުން އަތިރިމަތީގައާއި މޫދުގައި ވިލާތައް ބިނާކުރެވޭނެއެވެ. ކޮންމެ ވިލާއެއްގައި އަމިއްލަ ޕޫލެއް ހުރުމުގެ އިތުރުން، އެކި ބާވަތްތަކުގެ ކާތަކެތި ލިބޭ ރެސްޓޯރެންޓްތަކާއި، ވެލްނަސް ސެންޓަރުތަކާއި، މޫދު ކުޅިވަރުގެ ވަސީލަތްތައް އަދި ކައިވެނި ފަދަ ޚާއްޞަ ހަފުލާތައް ބޭއްވުމަށް ބޭނުންވާ ތަންތަން މި ރިސޯޓުގައި ގާއިމުކުރެވޭނެއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ގަލްފް ހޮޓެލްސް ގްރޫޕްގެ ސީ.އީ.އޯ އަޙްމަދު ޖަނާހީ ވިދާޅުވީ، މިއީ އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ، ފަތުރުވެރިކަމުގެ ވަރުގަދަ މަންޒިލެއް ކަމަށެވެ. އަދި ކައިރެޓްސޫ ކުންފުންޏާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ގެނެސްދިނުމަށް އުއްމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކައިރެޓްސޫ ޕްރައިވެޓް ލިމިޓެޑްގެ ފައުންޑަރ އަދި މެނޭޖިންގ ޑިރެކްޓަރ ސޮފްވާން އަޙްމަދު ވިދާޅުވީ، ގަލްފް ހޮޓެލްސް ގްރޫޕްގެ ތަޖުރިބާއާއި ކައިރެޓްސޫގެ ދިވެހިރާއްޖޭގެ މާހައުލާ ގުޅޭ ތަޖުރިބާ އެއްކޮށްލުމުން، ދުނިޔޭގެ ފެންވަރުގެ މަތީ ފަންތީގެ މަންޒިލެއް ރާއްޖޭގައި ބިނާކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.
މި ރިސޯޓު ހިންގުމުގައި ގަލްފް ހޮޓެލްސް ގްރޫޕުން ހިއްސާދާރެއްގެ ގޮތުންނާއި އޮޕަރޭޓަރެއްގެ ގޮތުގައި ބައިވެރިވާނެއެވެ. އަދި މި ރިސޯޓު ހުޅުވިގެންދާނީ ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ބްރޭންޑެއްގެ ދަށުންނެވެ. އެ ބްރޭންޑްގެ ނަން ފަހުގެ ތާރީޚެއްގައި އިޢުލާންކުރެވޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
ގަލްފް ހޮޓެލްސް ގްރޫޕަކީ ހޮސްޕިޓާލިޓީ ދާއިރާގައި 50 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ. އެ ކުންފުނިން ދަނީ ބަހްރައިންގެ އިތުރުން ޔޫ.އޭ.އީ އާއި އެފްރިކާގެ ބައެއް ޤައުމުތަކުގައިވެސް ހޮޓަލާއި ރިސޯޓުތައް ހިންގަމުންނެވެ.

