ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކުގައި މިހާތަނަށް އެންމެ ގިނައިން ޗުއްޓީ ހޭދަކޮށްފައިވަނީ ޗައިނާ އަދި އިޓަލީވިލާތުގެ ފަތުރުވެރިންކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ބުނާގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1,241,422 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މީގެތެރެއިން 274,687 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 22.6 އިންސައްތައެވެ.

ގެސްޓްހައުސްތަކުގައި އެންމެ ގިނައިން މަޑުކޮށްފައިވާ ޗައިނާ ފަތުރުވެރިންނަށް ބަލާއިރު، އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކުރި 213,317 ފަތުރުވެރިންގެ ތެރެއިން 28.6 އިންސައްތަ ފަތުރުވެރިން އިޚްތިޔާރުކޮށްފައިވަނީ ގެސްޓްހައުސްތަކެވެ. ލިސްޓުގެ ދެވަނައިގައި އޮތް އިޓަލީވިލާތުން 96,876 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އޭގެ ތެރެއިން 28.2 އިންސައްތަ ފަތުރުވެރިން ވަނީ ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވަމުންދާއިރު، މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 944 ގެސްޓްހައުސްއެއް ދަނީ ހިންގަމުންނެވެ. މި ތަންތަނުގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 17,010 އެނދު އޮޕަރޭޝަނަށް ނެރެފައިވެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޖުމްލަ ބެޑް ކެޕޭސިޓީގެ 25 އިންސައްތައެވެ.

އަތޮޅުތަކަށް ބަލާއިރު، ގެސްޓްހައުސްގެ އެންމެ ގިނަ އެނދު އޮޕަރޭޝަނަށް ނެރެފައިވަނީ ކ. އަތޮޅުންނެވެ. އެއީ 8,162 އެނދެވެ. ދެވަނައަށް އެންމެ ގިނަ އެނދު ހުރީ އއ. އަތޮޅުގައެވެ. އެ އަތޮޅުން 2,312 އެނދު ވަނީ ގެސްޓްހައުސްތަކުން އޮޕަރޭޝަނަށް ނެރެފައެވެ.

ގެސްޓްހައުސް ފަތުރުވެރިކަން ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. މި ދާއިރާ ކުރިއެރުމުގެ ސަބަބުން ރަށްރަށުގެ އިޤްތިޞާދަށް އޭގެ ސީދާ ފައިދާ ލިބެމުންދާކަން ފާހަގަކުރެވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *