ނ. މާފަރު އިންޓަނޭޝަނަލް އެއަރޕޯޓު އިތުރަށް ތަރައްޤީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭންތައް އެކުލަވާލުމާ ގުޅޭގޮތުން އަބޫދާބީ ފަންޑާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިިވިލް އޭވިއޭޝަން އިބްރާހީމް ފައިޞަލް އާއި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން، އަބޫދާބީ ފަންޑުގެ ވަފުދަކާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ވަޒީރު މުޙައްމަދު އަމީން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2019 ވަނަ އަހަރު އަބޫދާބީ ފަންޑުގެ އެހީގައި ހުޅުވުނު މާފަރު އެއަރޕޯޓު ތަރައްޤީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށެވެ. މާފަރު އެއަރޕޯޓަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ތަރައްޤީ ކުރަމުން އަންނަ ތަނެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މާފަރު އެއަރޕޯޓުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، މިހާރު ވަނީ ވައިޑް ބޮޑީ ބޯޓުތަކަށް ޖެއްސޭނެ ވަރަށް އެއަރޕޯޓުގެ ރަންވޭ 2850 މީޓަރަށް ފުޅާކޮށްފައެވެ. އަދި މިހާރު ކުރިއަށްދާ ދެވަނަ ފިޔަވަހީގެ ދަށުން، ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ މަޝްރޫޢުގެ ދަށުން 6,238 އަކަފޫޓުގެ އާ އިމާރާތެއް ބިނާކުރުމަށް ހަމަޖެހިފައިވާއިރު، މީގެ ސަބަބުން ޓާމިނަލްގެ ޖާގަ 12,476 އަކަފޫޓަށް އިތުރުވެ، މިހާރު ހުރި ޖާގަ ދެގުނަވެގެންދާނެއެވެ. މިހާރު ޓާމިނަލްގެ މަސައްކަތުގެ 20 އިންސައްތަ ވަނީ ނިމިފައެވެ.
އައިލޭންޑް އޭވިއޭޝަން ސަރވިސަސްއިން ހިންގަމުން އަންނަ މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އެންމެ ބާރުބޮޑު އެއް އެއަރޕޯޓެވެ. ޚާއްޞަކޮށް ނޫނު އަތޮޅަކީ ގިނަ އަދަދެއްގެ ލަގްޒަރީ ރިސޯޓުތައް ހުރި އަތޮޅަކަށް ވުމުން، ފަތުރުވެރިކަމުގެ ޕީކް ސީޒަންގައި ދުވާލަކު 20 އާއި 25 އާ ދެމެދުގެ އަދަދަކަށް ދަތުރުތައް މި އެއަރޕޯޓަށް ކުރެއެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓުތައް ހިމެނެއެވެ.

