ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 1.1 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިގެން ދަރަންޏަށް ފައިސާ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން މިއަދު އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން، ތަފާތު ހަތަރު މުއްދަތަކަށް ބަހާލައިގެން ހަތަރު ޓީބިލެއް ވިއްކުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 28 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް، 3.5 ޕަސެންޓްގެ އިންޓްރެސްޓް ރޭޓުގައި ވިއްކާ 265 މިލިއަން ރުފިޔާގެ ޓީބިލް.
  • 98 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް، 3.87 ޕަސެންޓްގެ އިންޓްރެސްޓް ރޭޓުގައި ވިއްކާ 55 މިލިއަން ރުފިޔާގެ ޓީބިލް.
  • 182 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް، 4.23 ޕަސެންޓްގެ އިންޓްރެސްޓް ރޭޓުގައި ވިއްކާ 255 މިލިއަން ރުފިޔާގެ ޓީބިލް.
  • އެއް އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް، 4.6 ޕަސެންޓްގެ އިންޓްރެސްޓް ރޭޓުގައި ވިއްކާ 535 މިލިއަން ރުފިޔާގެ ޓީބިލް.

ޓީބިލަކީ އިންޓްރެސްޓާއެކު އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ނަގާ ދަރަންޏެކެވެ. ޓީބިލް އަނބުރާ ދައްކަން ޖެހޭ މުއްދަތު ދިގުވާ ވަރަކަށް އިންޓްރެސްޓް ރޭޓް ވެސް ބޮޑުވެގެންދެއެވެ. ސަރުކާރުން ވިއްކާ މިފަދަ ޓީބިލްތައް އާންމުކޮށް ގަންނަނީ ރާއްޖޭގެ ބޭންކުތަކާއި، ޕެންޝަން އޮފީހާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ބައެއް އަމިއްލަ ކުންފުނިތަކުންނެވެ.

ދައުލަތުގެ އާމްދަނީއާއި ޚަރަދުތަކުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 24.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޖުމްލަ ޚަރަދު ވަނީ 25.5 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން ބޮޑު ބައެއް ހޭދަވަނީ މުސާރައާއި އިނާޔަތްތަކަށެވެ. އެގޮތުން މުސާރައާއި ޕެންޝަނަށް އެކަނިވެސް 8.51 ބިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ.

މިދިޔަ ސަރުކާރުތަކުން ވާރުތަވެފައިވާ 1.1 ބިލިއަން ޑޮލަރުގެ ދަރަނި މިއަހަރު ދައްކަން ޖެހިފައިވާއިރު، ޖުލައި 23ގެ ނިޔަލަށް ދަރަނި ދެއްކުމަށް 9.35 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެ އިތުރުން، އާސަންދައާއި ސަބްސިޑީއަށް ކުރާ ބޮޑު ހޭދަ ކުޑަކުރުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް އަންނަނީ ލަފާދެމުންނެވެ.

މި ޓީބިލްތަކާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 3349200 ނަންބަރު ފޯނާ ގުޅުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *