"އައިރަނާސް" އާ ގުޅިގެން އިންތިޒާމުކުރި "މޯލްޑިވްސް ހާފް މެރަތަން 2026″ ގެ އޮފިޝަލް މެޑިކަލް ޕާޓްނަރެއްގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، ދުވުންތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފިއެވެ.
އިއްޔެ ފަތިހު 4:00 އިން ހެނދުނު 10:00 އަށް ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ބޭއްވި މި ފޯރިގަދަ ހަރަކާތަކީ ދުޅަހެޔޮ ސިއްހަތަކާއި އެއްބައިވަންތަކަން ފާހަގަކުރުމަށްޓަކައި ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ލޯބިކުރާ ފަރާތްތަކުގެ އިތުރުން މުޅި މުޖުތަމައު ގުޅުވައިދިން ހަރަކާތެކެވެ. މި ދުވުމުގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު، 10 ކިލޯމީޓަރު، 5 ކިލޯމީޓަރުގެ 'ފަން ރަން’، ކުޑަކުދިންނަށް ޚާއްޞަ 'ކިޑްސް މައިލް' އަދި 5 ކިލޯމީޓަރުގެ ވީލްޗެއާ ރޭސް ހިމެނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ މި މެރަތަންއަށް ތައްޔާރުވުމުގެ ގޮތުން މި މަހުގެ 11 ވަނަ ދުވަހު ބޭއްވި 'ރަނިން އެކްސްޕޯ' ގައި ވެސް ބައިވެރިވެފައެވެ. އެ އެކްސްޕޯގައި ދުވުމުގެ ބައިވެރިންނަށް ހިލޭ އަސާސީ ސިއްހީ ޗެކަޕްތައް ހަދައިދިނުމުގެ އިތުރުން، ހިތުގެ ވިންދާއި ލޭގެ ޕްރެޝަރު ބަލައިދީ، ދުވުމަށް ތައްޔާރުވާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާއި ރައްކާތެރިކަމާއެކު ދުވުމަށް ބޭނުންވާ މުހިންމު އިރުޝާދުތައް ފޯރުކޮށްދީފައެވެ.
މި ހަރަކާތުގެ އޮފިޝަލް މެޑިކަލް ޕާޓްނަރުގެ ހައިސިއްޔަތުން، ދުވުން ކުރިއަށްދިޔަ ވަގުތު ތިން ސަރަޙައްދެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ މެޑިކަލް ޓީމުތަކުން ހަރަކާތްތެރިވިއެވެ. މިއީ ދުވުމުގެ ހުރިހާ ބައިވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ހޮސްޕިޓަލުން ކުރި މުހިންމު މަސައްކަތެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަރާތުން ވަނީ މޯލްޑިވްސް ހާފް މެރަތަން 2026 ގެ ހުރިހާ ދުވުންތެރިންނަށާއި ސަޕޯޓަރުންނަށް މަރުހަބާ ކިޔާފައެވެ. އަދި މިފަދަ ދުޅަހެޔޮ އަދި ހިތްވަރުގަދަ މުޖުތަމައެއް ބިނާކުރުމުގެ ހަރަކާތެއްގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އާ ޚިދުމަތްތަކާއި ޒަމާނީ ވަސީލަތްތައް ތައާރަފުކުރަމުންދާ އެންމެ ފެންވަރުމަތީ އެއް ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު މަގުސަދަކީ ދިވެހި ރައްޔިތުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުކޮށް، ތަޖުރިބާކާރު ޑޮކްޓަރުންނާއި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިތުބާރު ހުރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

