ދުނިޔޭގެ މަޝްހޫރު ކޮފީ ބްރޭންޑެއް ކަމަށްވާ ސްޓާބަކްސްގެ "ރެޑީ-ޓޫ-ޑްރިންކް" (އާރު.ޓީ.ޑީ) ރޭންޖަށް އަލަށް އިތުރުކުރި "މަޗާ ލާޓޭ" ފްލޭވަރު މިހާރު ހޯލްސޭލްކޮށް ލިބެން ފަށައިފިއެވެ.
ބޭރުގެ ވިޔަފާރި ޚަބަރުތައް ގެނެސްދޭ "ބެޓަރ ރީޓެއިލިންގ" އިން ހާމަކޮށްފައިވާ ގޮތުގައި، ހޯލްސޭލް ކެޓަލޮގްތަކުން ފެންނަން ހުރި ގޮތުގައި މި އައު މަޗާ ލާޓޭ މިހާރު ލިބެން ހުރީ 10 ދަޅުގެ ކޭސްތަކުގައެވެ. ކޮންމެ ދަޅެއްގެ ރީޓެއިލް އަގަކީ 1.25 އިނގިރޭސި ޕައުންޑެވެ. މި އުފެއްދުން ވިއްކައިގެން ރީޓެއިލް ވިޔަފާރިވެރިންނަށް ގާތްގަނޑަކަށް 16 އިންސައްތައިގެ ފައިދާއެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.
ސްޓާބަކްސް އިން ވަނީ މި މަހުގެ ކުރީކޮޅު "ސްޓްރޯބެރީ މަޗާ ލާޓޭ" ވެސް ބާޒާރަށް ނެރެފައެވެ. އެންމެ ފުރަތަމަ އިނގިރޭސިވިލާތުގެ ބޮޑެތި ސުޕަމާކެޓްތަކުން ލިބެން ފެށި މި ދެ ފްލޭވަރަކީ ވެސް ސްޓާބަކްސްގެ އާރު.ޓީ.ޑީ ރޭންޖަށް ދާއިމީކޮށް އިތުރުކުރި ދެ ބާވަތެވެ.
މި އައު އުފެއްދުންތަކާއެކު، ސްޓާބަކްސް އިން އަމާޒު ހިފާފައިވަނީ ކޮފީގެ ބާވަތްތަކުގެ އިތުރުން ސައިގެ ބާވަތްތަކަށް ލޯބިކުރާ ކަސްޓަމަރުންނަށް ވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށެވެ. މިއީ މިހާރު މާކެޓުގައި މަޗާގެ ބާވަތްތަކަށް އޮތް ތަރުހީބު އިތުރުވަމުންދާ ދަނޑިވަޅެއްގައި އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ. އުންމީދަކީ ރާއްޖޭގެ ބާޒާރުންވެސް މިއުފެއްދުން އަވަހަށް ފެނިގެންދިއުމެވެ.

