ދަތުރުވެރިންގެ މާރުކޭޓުގައި ދިވެހި އުފެއްދުންތަކުގެ އަގު ހެޔޮވެއްޖެ

މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކާ ރާއްޖޭގެ ދަނޑުވެރިކަމުގެ ބައެއް މުހިންމު އުފެއްދުންތަކުގެ އަގު ވަރަށް ބޮޑަށް ހެޔޮވެއްޖެއެވެ. ޚާއްޞަކޮށް ދިވެހި ކިއުކަމްބާއާއި ފެޝަން ފުރުޓުގެ އިތުރުން ކަނޑޫދޫ މިރުހުގެ އަގަށް ވަނީ ހެޔޮ ބަދަލެއް އައިސްފައެވެ.

މާރުކޭޓުގެ އަގުތަކަށް ބަލާއިރު، ރާއްޖޭގައި ހައްދާފައިވާ ކިއުކަމްބާ ކިލޯއެއް ކުރިން 50 ރުފިޔާއާއި 60 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ވިއްކި ނަމަވެސް، މިހާރު ކިއުކަމްބާ ކިލޯއެއް ލިބެން ހުރީ 25 ރުފިޔާއާއި 30 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ހަމައެހެންމެ، މީގެ ކުރިން ކިލޯއެއް 80 ރުފިޔާއަށް ވުރެ މަތީގައި ހުރި ދިވެހި ފެޝަން ފުރުޓުގެ އަގު މިހާރު ވަނީ ކިލޯއެއް 50 ރުފިޔާއަށް ދަށްވެފައެވެ. މާރުކޭޓުގެ ވިޔަފާރިވެރިން ފާހަގަކުރާ ގޮތުގައި މި ބާވަތްތަކުގެ އަގު ހެޔޮވެފައިވަނީ އަތޮޅުތަކުން މާލޭގެ ބާޒާރަށް މި ތަކެތި ސަޕްލައިކުރި މިންވަރު އިތުރުވުމާ ގުޅިގެންނެވެ.

މީގެ އިތުރުން، އާންމުކޮށް އަގު ބޮޑުކޮށް ހުންނަ ކަނޑޫދޫ މިރުހުގެ އަގުވެސް ވަނީ ކޮންމެވެސް ވަރަކަށް ތިރިވެފައެވެ. އެގޮތުން މިދިޔަ ހަފުތާގައި 400 ރުފިޔާއާއި 430 ރުފިޔާއާ ދެމެދުގައި ވިއްކި ކަނޑޫދޫ މިރުސް ކިލޯއެއް މިހާރު ލިބެން ހުރީ 330 ރުފިޔާއާއި 380 ރުފިޔާއާ ދެމެދުގައެވެ. އަދި ކުރިން 100 ރުފިޔާއަށް ވިއްކި ދިވެހި ބަނބުކެޔޮ ކިލޯއެއް މިހާރު 70 ރުފިޔާއާއި 80 ރުފިޔާއާ ދެމެދުގެ އަގަކަށް ލިބޭއިރު، ކުރިން 50 ރުފިޔާއަށް ހުރި މޮޅު ފަޅޯ ކިލޯއެއް މިހާރު ލިބެނީ 35 ރުފިޔާއާއި 40 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

ދިވެހި އުފެއްދުންތަކުގެ އަގު ދަށްވި ނަމަވެސް، ރާއްޖޭން ބޭރުން އެތެރެކުރާ ބައެއް ތަރުކާރީއާއި މޭވާގެ އަގު ވަނީ އުފުލިފައެވެ. އެގޮތުން ކުރިން 25 ރުފިޔާއާއި 30 ރުފިޔާއަށް ލިބުނު ކެރެޓު ކިލޯއެއްގެ އަގު މިހާރު ވަނީ 50 ރުފިޔާއަށް އަރާފައެވެ. އަދި 30 ރުފިޔާއާއި 35 ރުފިޔާއަށް ވިއްކި ކެބެޖު ކިލޯއެއްގެ އަގު 60 ރުފިޔާއަށް އަރާފައިވާއިރު، އިންޑިއާ ކަރާ ކިލޯއެއްގެ އަގު ވަނީ 18 ރުފިޔާއާއި 20 ރުފިޔާއިން 35 ރުފިޔާއަށް އުފުލިފައެވެ.

މާރުކޭޓުގައި އަގު އެއްވަރެއްގައި ހިފެހެއްޓިފައިވާ ބާވަތްތަކަށް ބަލާއިރު، ލުނބޯ ކިލޯއެއް 30 ރުފިޔާއަށް ވިއްކާއިރު، ޓޮމާޓޯ ކިލޯއެއް ހުރީ އާންމު ރޭޓު ކަމަށްވާ 30 ރުފިޔާއާއި 35 ރުފިޔާއާ ދެމެދުގައެވެ. އަދި ޗިޗަންޑާއާއި ތޮރާ ކިލޯއެއްގެ އަގު ހުރީ 35 ރުފިޔާއާއި 40 ރުފިޔާއާ ދެމެދުގައެވެ.

ބައެއް ވިޔަފާރިވެރިން ފާހަގަކުރި ގޮތުގައި، މާރުކޭޓުގައި ބައެއް ތަކެތީގެ އަގު ހެޔޮވި ނަމަވެސް ވިޔަފާރި އާންމުކޮށް ވަރަށް ބޮޑަށް ދަށެވެ. އެހެން އަހަރުތަކާ އަޅާބަލާއިރު އާންމު ރައްޔިތުން މާރުކޭޓުން ވިޔަފާރިކުރާ މިންވަރު މި ދުވަސްވަރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.