މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުލިބި ހުރި ފައިސާގެ ތެރެއިން މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި 3.48 ބިލިޔަން ރުފިޔާ އެ އިދާރާއިން ހޯދައިފިއެވެ. މީރާއިން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ނުލިބިހުރި ފައިސާގެ ބޮޑުބައެއް ހޯދާފައިވަނީ އަހަރުގެ ފުރަތަމަ ކުއާޓަރުގައެވެ.

ދައުލަތަށް ލިބެންޖެހޭ ޓެކްސް އަދި ޓެކްސް ނޫން އާމްދަނީގެ ތެރެއިން ނުލިބިހުރި އާމްދަނީ ހޯދުމަށް މީރާއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ޤަވާއިދުން އަންގަންޖެހޭ އެންގުންތައް އަންގައިގެން ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ ފުރަތަމަ ކުއާޓަރުގައި 2.09 ބިލިޔަން ރުފިޔާ ހޯދާފައިވާއިރު، ދެވަނަ ކުއާޓަރުގައި ވަނީ 1.39 ބިލިޔަން ރުފިޔާ ހޯދާފައެވެ.

މީރާގެ ރިޕޯޓްތަކުން އެނގޭ ގޮތުގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވަނީ ޑަނިންގް ނުވަތަ ނޯޓިސް ފޮނުވައިގެންނެވެ. އެގޮތުން ފުރަތަމަ ދެ ކުއާޓަރުގައި އެކި ވަސީލަތްތައް މެދުވެރިކޮށް ފައިސާ ހޯދާފައިވާ މިންވަރަކީ:

  • ޑަނިންގް / ނޯޓިސް ފޮނުވައިގެން: 2.39 ބިލިޔަން ރުފިޔާ
  • ޑިއުސް ކްލިއަރެންސްގެ ގޮތުގައި: 861.19 މިލިޔަން ރުފިޔާ
  • ފޯނާއި އީމެއިލް މެދުވެރިކޮށް ހަނދާންކޮށްދީގެން: 192.38 މިލިޔަން ރުފިޔާ
  • ނަން ހާމަކޮށްގެން: 21.45 މިލިޔަން ރުފިޔާ
  • ބޭންކް އެކައުންޓް ފްރީޒްކޮށްގެން: 14.54 މިލިޔަން ރުފިޔާ

މީގެއިތުރުން، ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކަށް މީރާއިން ވަނީ ފަހުގެ ނޯޓިސް ވެސް ފޮނުވާފައެވެ. އެގޮތުން ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ކުއާޓަރުގައި 10,701 ފަރާތަކަށް އަދި ދެވަނަ ކުއާޓަރުގައި 9,798 ފަރާތަކަށް ނޯޓިސް ފޮނުވާފައިވެއެވެ. އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ކުއާޓަރުގައި 5,776 ފަރާތަކަށް އަދި ދެވަނަ ކުއާޓަރުގައި 6,586 ފަރާތަކަށް ވަނީ ނޯޓިސް ފޮނުވާފައެވެ.

ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާއި ދައްކަންޖެހޭ ޓެކްސް ނުދައްކާ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުމަށް މީރާއިން ހިންގި އޮޑިޓްތަކުގެ ތެރެއިން، ފުރަތަމަ ކުއާޓަރުގައި 23 އޮޑިޓެއް ހިންގައި 61.92 މިލިޔަން ރުފިޔާ އިތުރަށް ދެއްކުމަށް އެންގިއެވެ. އަދި ދެވަނަ ކުއާޓަރުގައި 50 އޮޑިޓެއް ފުރިހަމަކޮށް އިތުރު 30.35 މިލިޔަން ރުފިޔާ ދައްކަން އެންގިއެވެ. މިއާއެކު ފުރަތަމަ ހަމަސް ދުވަހު ޖުމްލަ 73 އޮޑިޓަކުން 92.27 މިލިޔަން ރުފިޔާ އިތުރަށް ހޯދުމަށް ވަނީ އަންގާފައެވެ.

ޓެކްސް ދައްކާ ފަރާތްތަކުން ޤާނޫނާއި ޤަވާއިދުތަކަށް ބޯލަނބާ މިންވަރު ބެލުމަށްޓަކައި މީރާއިން ކުރިއަށްގެންދިޔަ ކޮމްޕްލައެންސް ޒިޔާރަތްތަކުގެ އަދަދު ފުރަތަމަ ހަމަސް ދުވަހު ވަނީ 2,612 އަށް އަރާފައެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށާއި، ޤާނޫނުތައް ތަންފީޒު ކުރުން ހަރުދަނާ ކުރުމުގެ ގޮތުން ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނަށް ގެނައި އިސްލާހުތަކާއެކު މީރާއަށް މިހާރު ވަނީ އިތުރު ބާރުތަކެއް ލިބިދީފައެވެ. މީގެ ތެރޭގައި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާއި، ދައްކަންޖެހޭ ޓެކްސް ބިނާކުރުމުގެ ފުރިހަމަ ބާރު އެ އިދާރާއަށް ލިބިގެންވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *