އިންވެސްޓަރުންގެ އިތުބާރު ހޯދަނީ ދަރަނި ދައްކައި ރައްޔިތުންގެ ބޭނުންތައް ފުއްދަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ނޭޝަން ޗެޓް" ޕްރޮގްރާމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރާއި ހަވާލުވިއިރު އިޤްތިޞާދު އޮތީ ވަރަށް ދަތިހާލެއްގައި ނަމަވެސް އެމަނިކުފާނު އިސްކަންދެއްވީ، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ މުދާ އެތެރެކޮށް، ރާއްޖެ ބަނގުރޫޓު ނުވެ ހިފެހެއްޓުމަށް ކަމަށެވެ.

މި މަސައްކަތުގެ ތެރެއިން ރާއްޖޭގެ ރިޒާވު ވަރަށް މަތިކޮށް ތާރީޚުގައިވެސް ރިޒާވު މަތިނުވާ މިންވަރަށް މަތިވެގެން ދިޔަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ފެބުރުވަރީ މަހު ރިޒާވް 1.2 ބިލިޔަން ޑޮލަރަށް މަތިކުރެވުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަމުގެ ތެރޭގައި މެދު އިރުމަތީގެ ހަނގުރާމައާއެކު ތެލުގެ އަގު އުފުލި ވިޔަފާރީގެ މާހައުލު އެއްކޮށް ބަދަލުވެގެން ދިޔަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދަޅުވިއެވެ.

"އެހެންވީމަ ބޮޑެތި ދުނިޔޭގެ ބޮޑެތި ބައިވަރު އިންވެސްޓަރުންނާއި ކުންފުނިތަކުން މިއަންނަނީ. އިރާދަކުރެއްވިއްޔަ ކުރިއަށް އޮތް ދުވަސްތަކުގައި، ބޮޑެތި އިންވެސްޓަރުންވެސް ކުދި އަދި މެދުފަންތީގެ އިންވެސްޓަރުންވެސް އަންނާނެ. މިސާލަކަށް ޓުއަރިޒަމް ސެކްޓަރވެސް މަސްވެރިކަމުގެ ސިނާޢަތްވެސް އަޅުގަނޑުމެން ސިންދަފާތު މިކުރަނީ. އަދި ކޮންމެ ދިމާލަކަށްވެސް ކޮންމެ ދައިރާއަކަށްވެސް، އަޅުގަނޑުމެން ރާއްޖެއިން ބޭރުގެ ކަމާއި ގުޅޭ އެކިކަހަލަ ވިޔަފާރިތައް އަންނާނެ އިރާދަކުރެއްވިއްޔާ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިކަންކަމުގެ އަސަރު ހުރިހާ ޤައުމަކަށް ކުރިއިރު، ރާއްޖެއިން ދަރަނި ދެއްކުމަށް ކުރަމުން އައި މަސައްކަތުގެ ނަތީޖާއަށްވެސް މިކަމުން އަސަރުކުރި ކަމަށް ވިދާޅުވިއެވެ. މިހާލަތުގައި 500 މިލިޔަން ޑޮލަރުގެ ސުކޫކް ފަދަ ބޮޑު ދަރަނިތައް ދެއްކި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑު ބަލަނީ ރައްޔިތުންގެ ބޮލުގައި އެޅިފައިހުރި ދަރަނި ވީވަރަކުން ދައްކަމުން، ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަަށް، ޤައުމުގައި އިންވެސްޓް ކުރާ ފަރާތްތަކުގެ ކޮންފިޑެންސް އިތުރުކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތް ރަނގަޅު ކުރުމުގައި މިދަނީ އެމަސައްކަތް ކުރަމުން. އެހެންވީމަ ރިޒާވް ދަށްވެފައި ހުރި ހުރުންވެސް އިރާދަކުރެއްވީއްޔާ މި މަސައްކަތުގެ ތެރެއިން ދެން ދާނީ ރަނގަޅުވަމުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *