ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް: ޑިޖިޓަލް އީޖާދުތަކާއެކު ފަތުރުވެރިކަން އައު އުސްމިންތަކަކަށް

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބުގެ ގޮތުގައި އޮތް ފަތުރުވެރިކަމުގެ ސިނާޢަތު އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. އިޤްތިޞާދީ، އިޖުތިމާޢީ، ސަޤާފީ އަދި ސިޔާސީ ގޮތުން ފަތުރުވެރިކަމުގެ މުހިންމުކަން ހާމަކޮށްދިނުމުގެ ގޮތުން ފާހަގަކުރާ މި ދުވަހަކީ ރާއްޖެއަށް ނުހަނު ޚާއްޞަ ދުވަހެކެވެ.

ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަން (ޔޫ.އެން.ޑަބްލިއު.ޓީ.އޯ) އިން މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ފަތުރުވެރިކަން އަލުން ބައްޓަންކުރުމަށްޓަކައި ޑިޖިޓަލް އެޖެންޑާ އަދި އާޓިފިޝަލް އިންޓެލިޖެންސް" އެވެ. މި ޝިއާރު ބިނާކޮށްފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އާއި ޑިޖިޓަލް ޓެކްނޮލޮޖީގެ ސަބަބުން ދަތުރުފަތުރު ރޭވުމާއި، މަންޒިލްތައް އިޚްތިޔާރުކުރުމުގެ އިތުރުން ފަތުރުވެރިކަމުގެ ވިޔަފާރިތައް ހިންގުމަށް އަންނަމުންދާ އިންޤިލާބީ ބަދަލުތަކުގެ މައްޗަށެވެ. އަދި ފަތުރުވެރިންގެ ތަޖުރިބާ މުއްސަނދިކޮށް، ދެމެހެއްޓެނިވި ހަރުދަނާ ނިޒާމެއް ބިނާކުރުމަށް މި ޝިއާރުން ބާރުއަޅައެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބަރޯސާވާ މި ސިނާޢަތް 1972 ވަނަ އަހަރު ފެށުނު ފަހުން 50 އަށްވުރެ ގިނަ އަހަރު ވެފައިވާއިރު، ރާއްޖެ ވަނީ ދުނިޔޭގެ އެންމެ މަޤުބޫލު ފަތުރުވެރިކަމުގެ މަންޒިލުގެ ލަގަބު ވިދިވިދިގެން 6 ފަހަރު ހޯދާފައެވެ. ކުރިން "ވަން އައިލެންޑް، ވަން ރިސޯޓު" ކޮންސެޕްޓަށް ހިންގި މި ސިނާޢަތް ފުޅާވެ، މިއަދު ވަނީ ގެސްޓްހައުސް، ހޮޓެލް، ސަފާރީ އަދި ހޯމްސްޓޭ ފަދަ ޚިދުމަތްތަކާއެކު އާންމު ރައްޔިތުންނަށް އޭގެ ސީދާ މަންފާ ލިބޭނެ މަގު ތަނަވަސްވެފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 179 ރިސޯޓާއި، 16 ހޮޓެލް، 919 ގެސްޓްހައުސް އަދި 165 ސަފާރީ އުޅަނދާއެކު ޖުމްލަ 1279 ތަން އަންނަނީ ހިންގަމުންނެވެ. މި ތަންތަނުގެ ޖުމްލަ އެނދުގެ އަދަދު 67،779 އަށް އަރައެވެ.

ވޭތުވެދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށްވެސް ވަނީ 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއަދު ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި އެންމެ މަތީ ފަންތީގެ ޚިދުމަތްދޭ މަންޒިލެއްގެ ގޮތުގައި މަޝްހޫރުވެފައިވާއިރު، ސަރުކާރުގެ މައިގަނޑު އަމާޒަކީ މި ސިނާޢަތު އިތުރަށް ސިންދަފާތުކޮށް، ދުނިޔޭގެ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއާއެކު ދިވެހި ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންދިއުމެވެ.

ޚިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *